އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންގެ ނަރުހުންގެ ރީސާޗް ކޮމިޓީ އިފްތިތާހުކޮށްފިއެވެ.

ނަރުހުންގެ ރީސާޗް ކޮމިޓީއަކީ، ނަރުހުންގެ މަސައްކަތަކީ ރަނގަޅަށް ދިރާސާކުރެވި، އެވިޑެންސްގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތަކަށް ހެދުމަށްޓަކައި އެކުލަވާލި ކޮމިޓީއެކެވެ.

އެ ކޮމިޓީ އިފްތިތާހުކުރީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އައިޖީޢެމްއެޗު ނަރުހުންގެ ރީސާޗް ކޮމިޓީގައި ހިމެނެނީ އެ ހޮސްޕިޓަލުގެ ސީނިއާ އަށް ނަރުހުންނެވެ. އެ ނަރުހުންނަކީ ޑިރެކްޓަރ ޖެނެރަލް އޮފް ނާސިންގް ސާވިސެސް މައިމޫނާ ޝުޖާއު، ވޯޑް މެނޭޖަރުން ފާތިމަތު ފިލީޝިއާ، މަރިޔަމް ޝިފާ، ފަހީމާ އިބްރާހިމް އަދި ފާތިމަތު ރަޝީދާ، އަދި ޑެޕިއުޓީ ވޯޑް މެނޭޖަރުން ފާތިމަތު ލޫސީ، އާއިޝަރު ޒީނާ އަދި އާއިޝަތު ހާމިދެވެ.

އެ ކޮމިޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، އެ ކޮމިޓީގެ މެމްބަރު ފާތިމަތު ރަޝީދާ ވިދާޅުވީ، ކޮމިޓީގެ ބޭނުމަކީ ނަރުހުންގެ މަސައްކަތުގެ ދިރާސާ ހެދި، އެވިޑެންސަށް ބިނާކޮށް ޚިދުމަތް ދިނުން ކުރިއެރުވުން ކަމަށެވެ. އަދި އެވިޑެންސް ބޭސްޑް ޕްރެކްޓިސްގައި މެނޭޖްމެންޓާ ގުޅޭ ނިންމުންތައް ނެގުމުގައި ލީޑަޝިޕް ފޯރުކޮށްދިނުމާއި، ރީސާޗް ޕްރޮމޯޓުކުރުމަށް މައުލޫމާތާއި ފޯރުކޮށްދިނުމަކީވެސް އެ ކޮމިޓީގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު ވިދާޅުވީ، ނަރުހުންގެ މަސައްކަތަށް މާ ބޮޑު އިނާޔަތެއް ނުވަތަ މުސާރައެއް ނުދެވޭ ކަމަށެވެ.

"ދިވެހި ބައިތުލްމާލު އެކަމަށް އެއްކޮށް ހޭދަ ކުރިޔަސް ނަރުހުން ކޮންމެ ދުވަހަކު، ރެޔާ ދުވާލު ކޮށްދޭ މަސައްކަތަށް އަގެއް ނުދެވޭނެ،" ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވި ގޮތުގައި، ނަރުހުން އަގުގެ ބަދަލުގައި މަސައްކަތް ކުރަނީ އިންސާނީ މަތިވެރި ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އަދި އެ ޚިދުމަތް އެގޮތުގެ މަތިން ނަރުހުން ދެމުން ގެންދާނެކަމާ މެދު ޝައްކެއް ވެސް ނެތް ކަމަށް ފަރުހަތު ވިދާޅުވިއެވެ.