މާލޭ ލީގުގައި ޓީސީ ބަލިކޮށް އެއްވެސް މެޗަކުން ބަލިނުވެ، މާޒިޔާއިން ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު އެ މެޗު މާޒިޔާއިން ކާމިޔަބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު މާޒިޔާއަށް ވަނީ ހަތް މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ބަލިވި ޓީސީއަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ޓީސީ އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައެވެ.

މިރޭގެ މެޗަށް ބަލާއިރު މެޗުގައި މޮޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. މެޗު ފެށިގެން ފުރަތަމަ ހާފުގައިވެސް މާޒިޔާއިން ޓީސީގެ ގޯލަށް ނުރައްކާކޮށްފައިވާއިރު ޓީސީގެ ޑިފެންސްލައިން ފެނުނީ ވަރަށް "ބިޒީ" ކޮށެވެ.

މޮޅަށް ކުޅެމުންދިޔަ މާޒިޔާއިން މެޗުގެ ލީޑު ނެގީ 22 ވަނަ މިނިޓްގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ީޓީމުގެވެސް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އުމައިރުއެވެ. މި ސީޒަނުގައި އުމެއިރު ވަނީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކުގައި އަދި ލީގުގައި ކުޅުނު މެޗުތަކުގައި ލަނޑު ޖެހުމަށް ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދީ މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްދީފައެވެ.

މާޒިޔާގެ ދެވަނަ ލަނޑު އަދި ތިންވަނަ ލަނޑު ކާމިޔަބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވަޑް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ދެވަނަ ހާފުގައި އެ ދެ ގޯލް ވެސް ފެނިގެންދިޔައިރު އަސައްކޮ ކާމިޔާބުކުރި ފުރަތަމަ ލަނޑު އޭނާ ޖެހީ 64 ވަނަ މިނިޓްގައެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 ލަނޑަށް އޭނާ ބަދަލުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓްގައެވެ.

މިރޭ ކުޅުނު މެޗާއެކު ފުރަތަމަ ބުރު ނިމިގެންދިޔައިރު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. ދެވަނައިގައި ނިއުރޭޑިއަންޓް އޮތްއިރު ތިންވަަނަ ލިބެނީ ގްރީން ސްޓްރީޓަށެވެ. ހަތަރުވަނަ ޓީސީއަށް ލިބޭއިރު ގޯލުގެ ތަފާތުން ފަސްވަނަ ލިބެނީ އީގަލްސްއަށެވެ. ހަވަނައިގައި ވިކްޓަރީ އޮތްއިރު ހަތްވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީއެވެ. އަދި ތާވަލްގެ ފުލުގައި އޮތީ ކްލަބު ވެލެންސިއާއެވެ.