ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ޚިދުމަތްދޭ ނަރުހުންނަކީ މުޅީންވެސް ދިވެހި ނަރުހުން ކަމުގައި އަވަސް މުސްތަގުބަލެއްގައި ހެދުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ފެށީ އެންމެ ތިން ނަރުހުންނާ އެކު ކަމަށާއި، ނަމަވެސް މިއަދު އެ ޚިދުމަތް ފުޅާވެ، މުޅި ރާއްޖޭގައި 2،000 އަށް ވުރެ ގިނަ ނަރުހުން މަސައްކަތް ކުރާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިއަދު ރާއްޖޭގެ ނާސިންގް ޚިދުމަތުގައި އުޅޭ 45 ޕަސަންޓު ނަރުހުންނަކީ ބިދޭސީން ކަމަށާއި، ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ މި ޚިދުމަތުގައި އުޅެނީ މުޅީންވެސް ދިވެހިން ކަމުގައި ހަމަޖެއްސުން ހެދުން ކަމަށެވެ.

40 އަހަރު ޚިދުމަތް ކޮށްދެއްވި ނަރުހަކަށް އެވޯޑު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް އަވަހަކަށް، މި ޚިދުމަތުގަިއ އުޅެނީ މުޅިންވެސް ދިވެހި ނަރުހުން ކަމުގައި ހެދުން. ނރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަމުންދާ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ކޮންމެ އަހަރަކު 200 އެއްހާ ދިވެހި ނަރުހުން ތަމްރީނުވެގެން ޚިދުމަތަށް ނުކުންނަ ކަމަށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ނަރުހުންގެ ޚިދުމަތް ވަރަށް ބޮޑަށް ވަނީ ފުޅާވެފައެވެ. މީގެ ކުރިން ހަމައެކަނި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަރުހުންގެ ޚިދުމަތް ލިބުނު ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ސްކޫލްތަކާއި، ގޭގޭގައި ބަލި އެނދުގައި ތިބޭ މީހުންނާ ހަމައަށް ވެސް ނަރުހުންގެ ޚިދުމަތް ލިބެއެވެ.

ނަރުހުންގެ ދުވަހުގެ ޖަލްސާގައި ނަރުހުންތަކެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ. އެބައެއްގެ ޚިދުމަތުން މުޅި ސިއްހީ ނިޒާމު ހިންގައިދޭ ފަހުލަވާނުން. ސިއްހީ ފަންނުވެރިންގެ ތެރެއިން އެންމެ ގިނަ މުވައްޒަފުންނަކީވެސް ނަރުހުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި، ނަރުސްކަމުގެ ދާއިރާގައި 40 އަހަރުގެ ޚިދުމަތް ކޮށްދެއްވާފައިވާ ދެ ނަރުހަކަށް ވަނީ ޝަރަފު އަރުވައިފައެވެ. އެ ދެ ނަރުހުންނަކީ އާސިޔާ ނާޒްލީއާއި އައިމިނަތު ތައުފީގާއެވެ.