12 May 2017, 22:55
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެތިކްސް ކޮމިޓީއަށް ނައިޖީރިއާގެ ކުރީގެ އުއްތަމަފަނޑިޔާރަކު އައްޔަންކޮށްފިއެވެ.
ފީފާގެ އަލަށް އެކުލަވައިލެވުނު އެތިކްސް ކޮމިޓީއަށް، ނައިޖީރިއާގެ ކުރީގެ ޗީފް ޖަސްޓިސް އަޔޮޓުންޑޭ ފިލިޕް އަންޔަނުކުރީ، ބަހްރެއިންގެ މަނާމާގައި ބުރާސްފަތިދުވަހު ކުރިއަށްދިޔަ ފީފާގެ 67 ވަނަ ކޮންގެރެސްގައެވެ.
އަޔޮޓުންޑޭ ފިލިޕްއަކީ، ލާގޯސް ސްޓޭޓްގެ ހަތަރުވަނަ އަންހެން ފަނޑިޔާރެވެ. އަދި އޭނާއަކީ ފީފާގެ އެތިކްސް ކޮމިޓީއަށް އައްޔަންކުރި އެފްރިކާއަށް ނިސްބަތްވާ ހަމައެކަނި ފަރާތެވެ.
އަލަށް އެކުލަވައިލެވުނު ފީފާ އެތިކްސް ކޮމިޓީގެ ޗެއާއަކަށް ހަމަޖެއްސީ ޔޫރަޕިއަން ކޯޓު އޮފް ޖަސްޓިސްގެ ރައީސެއްގެ ގޮތުގައި އެންމެ ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ގްރީސްގެ ވިސިލިއޯސް ސްކޫރިސްއެވެ. ޑެޕިއުޓީ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ، އެމެރިކަން ސަމޯއާގެ ކުރީގެ ބަންޑާރަނައިބު ފިޓިސުނިއާއެވެ.
މީގެ އިތުރުން އެ ކޮމިޓީގައި ހިމެނެނީ، އޭޝިއާގެ ފަރާތުން ޔޫއޭއީގެ މުޙައްމަދު އަލީ ކާމިލީއާއި ޔުރަޕުން އެސްޓޯނިއާގެ އައިވަރް ޕޮލަކް އާއި ނޯތު އެންޑް ސެންޓްރަލް އެމެރިކާއިން މަރްގަރީތާ އެޗެވިއެރާއާއި، އޯޝޭނިއާގެ ފަރާތުން ޕަޕުއަނިއުގިނީގެ ޖެކް ކަރިކޯ، އަދި ދެކުނު އެމެރިކާއިން ބްރެޒިލްގެ ފްލެވިއޯ ޒްވެޓާއެވެ.
ލާގޯސް ސްޓޭޓްގެ ސަރުކާރުގައި 38 އަހަރު ދުވަހު ޚިދުމަތްކުރެއްވުމަށް ފަހު، އަޔޮޓުންޑޭ، މަގާމުން ރިޓަޔާކުރެއްވީ ގާނޫނީގޮތުން ރިޓަޔާކުރުމަށް ކަނޑައަޅައިފައިވާ އުމުރު ކަމަށްވާ 65 އަހަރު ވުމުންނެވެ. އޭނާގެ ޚިދުމަތުގެ 38 އަހަރު ދުވަހުގެ ތެރޭން 20 އަހަރު ހޭދަކުރެއްވީ ހައިކޯޓުގެ ބެންޗުގައެވެ.
ފީފާގެ އެތިކްސް ކޮމިޓީއަށް އަލަށް އައްޔަންކުރެވުނު އުމުރުން 68 އަހަރުގެ ފަނޑިޔާރު ގާނޫނީ ދާއިރާއިން ކިޔަވާވިދާޅުވީ، ޔުނިވާރސިޓީ އޮފް ލާގޯސްގައެވެ. އޭނާއަށް ފަޑިޔާރުކަން ލިބިވަޑައިގަތީ 1974 ވަނަ އަހަރުއެވެ.
ފީފާގެ އެތިކްސް ކޮމިޓީއަށް އައްޔަނުކުރުމާ ހަމައަށް އަޔޮޓުންޑޭ ހުންނެވީ، ލާގޯސް ސްޓޭޓްގެ އިންޑިޕެންޑެންޓް އިލެކްޓޯރަލް ކޮމިޝަންގެ ޗެއާމަންކަމުގައެވެ.