މިމަހުގެ 19 ވަނަ ދުވަހު ފަށާ ފަސް ވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގެ ކެޕްޓަނަކަށް މުހައްމަދު ޒިލާލް ހަމަޖައްސައިފިއެވެ.

ޒިލާ ކެޕްޓަނަކަށް ހަމަޖައްސައި އޭނާއަށް ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވަނީ މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޒިލާލަކީ މިވަގުތު ބާސްކެޓް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއާއެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަގުވާމީ ބާސްކެޓް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ބާސްކެޓް ޓީމުން ބުނީ އެޓީމުގެ ފަރިތަކުރުންތައްދަނީ ވަރަށް ރަނގަަޅަށްކަމަށާއި އުންމީދަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ބާސްކެޓް އެސޯސިއޭޝަނުން ދަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން ކުރަމުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ޖުމުލަ ފަސް ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު މުބާރަތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

އެ މުބާރާތުގައި ބައިވެރިވެފައި ވަނީ އިންޑިއާ، ނޭޕާލް، ބަންގާޅު، ސްރީލަންކާ އަދި ދިވެހިރާއްޖެ އެވެ.

މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ ޓީމުތައް މި މަހުގެ 13 ވަނަ ދުވަހު މާލެ އައުމަށްވަނީ ހަމަޖެހިފައެވެ.