މޯލްޑިވިއަން އައިޑޯލް ސީޒަން އެކެއްގެ "ރޮކްސްޓާރ"ގެ ގޮތުގައި މަޝްހޫރުވި މުހައްމަދު މުއައްޒިން އައިޑޮލްއަށް ފަހު ގެއްލުނީކީ ނޫނެވެ. ހަބޭސް ބޮޑުބޭރު ގްރޫޕުގެ ތައްގަނޑުގައި ހިންގާ ގްރެވިޓީ ބައި ހަބޭސް ބޭންޑާއެކު އޭނާ ދިޔައީ ދިވެހިންނަށް އޭނާގެ އަޑުން ލަވަތައް އިއްވާލަމުންނެވެ.

އަނެއްކާވެސް މުއައްޒިން އުޅެނީ އޭނާގެ ފޭނުންނަށް ހަދިޔާއެއް ދޭށެވެ. މާދަމާ ރޭ އޮންނަ މިފަހަރުގެ އައިޑޮލްގެ ފައިނަލް ޝޯގައި އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ ބެލުންތެރިންނަށް ދޫކޮށްލާނެވެ. "ލޭކޮކާ" ކިޔާ އެ ލަވަ ވެގެންދާނީ އަނެއްކާވެސް އޭނާގެ ރޮކް ލަވަ ތަކުގެ ލިސްޓައް އިތުރުވާ ލަވައަކަށެވެ.

މުއައްޒިން އަކީ ރީތި އެތަކެއް ލަވަ ތަކެއް ބެލުންތެރިނަށް އަބަދުވެސް ދޫކޮށްލާ ފަންނާނެކެވެ. ހާއްސަކޮށް ހިތްގައިމު ގައުމީ ލަވަތަކުން އޭނާ ވަރަށް ގިނައިން ފެނެއެވެ. "ލޭކޮކާ" އަކީ ވެސް ވަރަށް ރިތި އަމިއްލަ ރާގެކެވެ.

މުއައްޒިންގެ "ލޭކޮކާ" ގެ ޕޯސްޓަރާއެކު---

ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވައިން ފެންނާނީ މުއައްޒިން އާ އެކު ހަބޭސް ބޭންޑް އަދި މުޅިން އަލަށް ދާއިރާއަށް ނުކުންނަ އެކްޓްރެސް އެކެވެ. އެ ލަވައިގައި ދެން ފެންނާނީ ފިލްމީ ދާއިރާއަށް ތައާރަފްވާ ދިވެހި މޮޑެލް އައިޝަތު އަފާ އެވެ.

"ލޭކޮކާ" ޑައިރެކްޓްކޮށްފައިވަނީ ހަބޭސްގެ އަލީ މަމްދޫހު އެވެ. އެ ލަވައަކީ މުއައްޒިން ނެެރެން އުޅޭ އަލްބަމްގައި ހިމެނޭ ލަވައެކެވެ. ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަދިވެސް ލަވަތައް އަންނާނެއެވެ.

މުއައްޒިންގެ ފުރަތަމަ ވީޑިއޯ ލަވަ "ލޭކޮކާ" ބަލާލަން ތައްޔާރު ހެއްޔެވެ؟ ކޮންމެހެން ވެސް މާދަމާ ރޭ އައިޑޮލްގެ ފައިނަލް ޝޯ ބަލާލާށެވެ.