12 May 2017, 16:52
ދުނިޔެ ދުށް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ނަޒާރިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރޮނާލްޑޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ޝެވަލް ބްލެންކް ރަންދެލި ރިސޯޓުގައެވެ. އޭނާއާއެކު އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ސެލީނާވެސް ވަނީ ރާއްޖެއައިސްފައެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ޝެވަލް ބްލެންކް ރަންދެލި ރިސޯޓަށް އައީ ސީދާ ކޮން ތާރީހެއްގައިކަން ކަށަވަރުނުވި ނަމަވެސް އޭނާގެ ލޯބިވެރިޔާ ސެލީނާ އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ފޮޓޯ ތަކަށް ބަލާއިރު އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ މީގެ ފަސް ދުވަސް ކުރިން ކަމަށް ބެލެވެއެވެ.
މީގެ ތިން ދުވަސް ކުރިން ސެލީނާ ވަނީ ރޮނާލްޑޯ އާއެކު ނަގާފައިވާ ސެލްފީއެއް ޝެއާކޮށްފައެވެ. އަދި މީގެ 16 ގަޑިއިރު ކުރިންވެސްވަނީ ދެމީހުން އެކުގައި، ފަހަތުން ހަނދު ފެންނަހެން ސެލްފީއެއް ނެގުމަށްފަހު ޝެއާކޮށްފައެވެ. އަދި މީގެ އިތުރުން ސެލީނާ ރިސޯޓުގެ އެކި ހިސާބުތަކުގައި ނަގާފައިވާ ފޮޓޯތައް ޝެއާކޮށްފައި ހުރި ނަމަވެސް ރޮނާލްޑޯ އެ ދަތުރާ ބެހޭ މާބައިވަރު މައުލޫމާތު ތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ އަދި އޭނާގެ ލޯބިވެރިއާ ސެލީނާ ރާއްޖޭގައި ނަގާފައިވާ ސެލްފީއެއް--ފޮޓޯ އިންސްޓަގްރާމް
ބްރެޒިލްގެ ގައުމީ ޓީމަށް 1994 ވަނަ އަހަރު ކުޅެން ފެށި ރޮނާލްޑޯ ވަނީ އޭނާ ގައުމީޓީމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ގައުމަށް 98 މެޗު ކުޅެދީ 62 ގޯލް ކާމިޔަބުކޮށްދީފައެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ ޕެލޭއަށް ފަހު ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.