ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފާމިނޯ ޖަރުމަނުގެ ހަފެންހަމް އިން އިނގިރޭސިވިލާތުގެ ލިވަޕޫލަށް ބަދަލުވުމުގައި ހިންގާފައިވާ މުއާމަލާތްތައް ތަހުގީގު ކުރުމުގެ މަސައްކަތް ދުނިޔޭގެ ފުޓްބޯޅައިގެ އިދާރާ، "ފީފާ"އިން ފަށައިފިއެވެ.

ފާމިނޯގެ ޓްރާންސްފަރ މައްސަލް ފީފާއިން ތަހުގީގުކުރާން ފަށާފައި މިވަނީ، އިޓަލީގެ ޔުވެންޓަސްއިން ދުނިޔޭގެ ރެކޯޑް ފީއަކަށް، މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިޔަ ފްރާންސް ތަރި ައެވެ.

ފާމިނޯ ލިވަޕޫލަށް ބަދަލުވީ، 2015 ވަނަ އަހަރު، 29 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

އެހެންނަމަވެސް، ޖަރުމަނުގެ އަލަށް ޝާއިއުކުރި "ފުޓްބޯލް ލީކްސް: ދަ ޑާޓީ ބިޒްނަސް އޮފް ފުޓްބޯލް" ގައި ވާގޮތުން ފާމިނޯގެ ޓްރާންސްފަރގައި ހޮފެންހަމްއަށް ލިބިފައި ވަނީ، އެންމެ 5.8 މިލިއަން ޕައުންޑެވެ. އަދި ޓްރާންސްފަރ ފީގެ ބާކީބައި ވަދެފައިވަނީ، ހޮފެންހަމްގެ ވެރިޔާ، އަދި ޖަރުމަނުގެ ބިލިއަނަރެއްކަމަށްވާ ޑިއެޓްމާ ހޮޕްގެ ކުންފުންޏެއް ކަަމަށްވާ ޓްރާންސްފެއަރގެ އެކައުންޓަަށް ކަމަށްވެއެވެ.

ފްރާންސްގެ ޒުވާން ހުނަރުވެރި ފޯވާޑް ޕޮގްބާ ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވުމުގައިވެސް މިފަދަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެ ޓްރާންސްފާގައި 89 މިލިއަން ޕައުންޑުގެ ފީއެއް ދީފައިވާއިރު، ބައެއް ރިޕޯޓުތައް ބުނާގޮތުން، މި ޓްރާންފަރ މުއާމަލާތުން ޕޮގްބާގެ އޭޖެންޓް މިނޯ ރަޔޯލާއަށް 41 މިލިއަން ޕައުންޑް ލިބިފައިވެއެވެ.

ފާމިނޯއަށް ލިވަޕޫލުން އަސާސީ އުޖޫރައެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ހަފްތާއަކު 68,085 ޕައުންޑެވެ. އެހެން ނަމަވެސް އޭނާ އެ ކްލަބަށް ބަދަލުވިފަހުން މިހާރުވެސް ބޯނަސްގެ ގޮތުގައި 1.1 މިލިއަން ޕައުންޑް ލިބިފައިވާ ކަމަށްވެއެވެ.

އުމުރުން 25 އަހަރުގެ ބްރެޒިލް ތަރި ލިވަޕޫލަށް މިސީޒަންގައި ކާމިޔާބުކުރާ ލަނޑުތަކަށް ވެސް ބޯނަސް ލިބޭގޮތަށް ހަމަޖައްސާފައިވެއެވެ. އެގޮތުން ފަސް ލަނޑު ކާމިޔާބުކޮށްދީފި ނަމަ ބަދަލުގައި 25،000 ޕައުންޑު ލިބޭނެއެވެ. އަދި 6-10 ލަނޑާ ދެމެދުގެ އަދަދަކަށް ލަނޑު ކާމިޔާބުކޮށްފި ނަމަ، 45,000 ޕައުންޑު، އަދި 11-16 ލަނޑު ކާމިޔާބުކޮށްފި ނަމަ 65,000 ޕައުންޑު ލިބޭނެއެވެ.

ފާމިނޯ ވަނީ ލިވަޕޫލަށް މިސީޒަންގައި މިހާތަނަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ހަ އެސިސްޓްކޮށްފައި ވާއިރު އޭނާއަށް އޭގެ ބޯނަސްގެ ގޮތުގައި 190,000 ޕައުންޑު ލިބިފައި ވެއެވެ.