13 May 2017, 10:13
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން ގެނުވި އެއް ވަސީލަތަކީ 2012 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންސްޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ތައާރަފް ކުރި "މަޓާޓޯ ޓްރެވަލް އެވޯޑްސް" އެވެ.
އެ އެވޯޑު ދޭން ފެށި އިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުގަނޑުގެ ދަށުން ހަރަކާތްތެރިވަމުން އައި އެތައް ކުންފުންޏެއްގެ މެދުގައި ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. އެ އެވޯޑު ދެމުން އަންނަތާ މިއަހަރަށް ހަ އަހަރު ފުރޭއިރު މިހާރު އެ އެވޯޑު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑަށެވެ.
އެއް އަހަރުން އަނެއް އަހަރަށް ފައްކާވަމުން އައި ޓްރެވަލް އެވޯޑްސް ރިބްރޭންޑުކޮށް 2014 ވަނަ އަހަރު އެ އެވޯޑުގެ ނަން "މޯލްޑިވްސް ޓްރެވަލް އެވޯޑްސް" އަށް ބަދަލު ކުރިއެވެ. މިހާރު ގައުމީ ފެންވަރުގައި "ބްރޭންޑު" ކުރެވިފައިވާ އެ އެވޯޑަށް އެއްވެސް ހުރަހެއް ނެތެވެ. މިހާރު އެ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުބާރު ލިބިގެންވާ "ހަރު" ބްރޭންޑެކެވެ.
ސެޕްޓެމްބަރ 20، 2015: ކޮކޯ ޕާމް ބޮޑުހިތީގައި ބޭއްވުނު މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
މޯލްޑިވްސް ޓްރެވަލް އެވޯޑްސް ކޮންމެ އަހަރަކުންވެސް ދެމުން އަންނަ އިރު، މިދިޔަ އަހަރު، ސަން ސިޔާމްގެ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި ބޭއްވި އެވޯޑު ހަފްލާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، އަދި ހަރަކާތްތެރިވެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށްވަނީ އުފާވެރި ޚަބަރެއް ދީފައެވެ.
އެއީ ޓްރެވަލް އެވޯޑްސްގެ ދަށުން އިތުރު ދެ ގޮތްޕެއް ފެޅި ޚަބަރެވެ. "ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން" އާއި ޓްރެވަލް އެވޯޑްސްގެ "ގެސްޓް ހައުސް އެޑިޝަން" ބާއްވަން ހަމަޖައްސާފައިވާކަން އިއުލާން ކުރުމެވެ.
ކޮންމެއަކަސް ކުރިން ހަމައެކަނި ރިސޯޓުތަކާއި ހޮޓާތަކަށް ދެމުން އައި އެވޯޑު މިހާރު ފުޅާވީކަން ކަށަވަރެވެ. އެވޯޑުގެ އަސްލު މަގުސަދު ހާސިލްވެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޓޫރިޒަމްގެ ބޮޑު ބައެއް ހިއްސާވާ ގެސްޓް ހައުސްތަކަށްވެސް އިތުރު ހިތްވަރެއް މިކަމުން ވަނީ ލިބިފައެވެ.
ސެޕްޓެމްބަރ 20، 2015: ކޮކޯ ޕާމް ބޮޑުހިތީގައި ބޭއްވުނު މި އަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ޓްރެވަލް އެވޯޑްސްއިން ފެޅި ދެ ގޮފީގެ ތެރެއިން އެންމެ އަވަހަށް ދޭން ހަމަޖައްސާފައިވަނީ "ޕީޕަލްސް އެޑިޝަން"ގެ އެވޯޑުތަކެވެ. ޕީޕަލްސް އެޑިޝަންގައި މިއަހަރު ޖުމްލަ 10 އެވޯޑެއް ދޭނެ އެވެ.
އެވޯޑު ހަފްލާ އޮންނާނީ، ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ގާލާ އިވެންޓުގައި އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
ސެޕްޓެމްބަރ 20، 2015: ކޮކޯ ޕާމް ބޮޑުހިތީގައި ބޭއްވުނު މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
"ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގަ ގިނަ ދުވަހު މަސައްކަތްކޮށްދީފަ ތިބި މީހުންނާއި އިންޑަސްޓްރީއަށް ރީތި ނަން ހޯދައިދޭ މީހުންނާއި އިންޑަސްޓްރީއަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފަ ތިބި މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް،" "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް، އިބްރާހިމް މުނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޓާޓޯއިން އެފަދަ އެވޯޑެއް ޑިޒައިންކޮށް ދޭން ނިންމީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި ގައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ފަދަ ދިވެހިން އެ އިންޑަސްޓްރީގައި ތިބިކަން ފާހަގަ ކުރެވިގެން ކަމަށެވެ.
"މި އިންޑަސްޓްރީ އަސްލު އިންޑަސްޓްރީއަކަށް ވެފަ މިއޮތީ އެމީހުންގެ ސަބަބުން. އެހެންވެ އެމީހުން ކުރިއަށް ނެރެ އެމީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ބާއްވަނީ،" މުނާޒް ވިދާޅުވިއެވެ.
ޕީޕަލްސް އެޑިޝަނަށް މީހުން ނޮމިނޭޓު ކުރަން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އަދި ހުޅުވާލާއިރު ވަކި ކްރައިޓީރިއާތަކެއް ނުވަތަ ޝަރުތުތަކެއް ހުންނާނެ ކަމަށް މުނާޒް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކެޓަގަރީއެއް ނުހުންނާނެ އެވެ.

25، ސެޕްޓެމްބަރ 2016: މަޓާޓޯގެ 2015 ވަނަ އަހަރުގެ އަހަރީ ޖަލްސާގެ ތެރެެެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް
"ވަކި މީހެއްގެ އަގު ވަޒަން ކުރަން ބޭނުންވާނަމަ މި އެވޯޑު މެދުވެރިކޮށް އެ މީހަކު މަސައްކަތްކުރާ ކުންފުންޏަކުން ނޮމިނޭޓު ކުރެވިދާނެ. ނޫނީ އެމީހެއްގެ ގާތް ރައްޓެހިންނަށް. ނޫނީ އޭނަގެ އާއިލާގެ މެމްބަރަކަށް އޭނާ ނޮމިނޭޓު ކުރެވިދާނެ،" މުނާޒް ވިދާޅުވިއެވެ.
ނޮމިނޭޝަންތައް ލިބުމުން އެވޯޑު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، އިންޑަސްޓްރީގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ ތެރެއިން މަޓާޓޯއިން އައްޔަންކުރާ ފަސް ޖަޖުންގެ ޕެނަލަކުންނެވެ.
މަޓާޓޯއިން އަލަން ދޭން ނިންމާފައިވާ މި އެވޯޑު ވެގެންދާނީ އަނެއްކާވެސް ދިވެހި ޓޫރިޒަމާއި ޓްރެވަލް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ އިތުރު ހިތްވަރަކަށެވެ. ދާއިރާގެ ކުރިއެރުމަށް މި އެވޯޑުގެ ދައުރު ބޮޑެވެ. ހަގީގަތުގައިވެސް މި އެވޯޑަކީ ދޭން ވެފައި އޮތް އެވޯޑެކެވެ.
ވަކި އެވޯޑެއްގެ ސިފައިގައި ނޫން ނަމަވެސް ކޮންމެ އަހަރަކު ބާއްވާ ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެއް އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ ލައިފްޓައިމް އެވޯޑެވެ. ޓްރެވަލް އެވޯޑްސްއިން ކުރި ފަޅައިގެން ފުރާ ފުރިހަމަ ވާން ތައްޔާރުވެފައިވާ ޕީޕަލްސް އެޑިޝަންގެ ސަބަބުން އެ އެވޯޑުގެ އިތުރުންވެސް އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑު ލިބިގެންދާނެ އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑު 2016: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދަށް އަރުއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މޯލްޑިވްސް ޓްރެވަލް އެވޯޑަށް ހަ އަހަރު ވާއިރު މިހާރު އެވޯޑުގައި ފަންވަރުވެސް އެބަ ހުއްޓެވެ. ގައުމީ ފެންވަރުގައި ދެވޭ އެ އެވޯޑު އެންމެ ފުރަތަމަ 2012 ވަނަ ދިން އިރު އެވޯޑު ދިނީ 20 ކެޓަގަރީއަކުންނެވެ. ނަމަވެސް މިހާރު، އެ އެވޯޑުގެ ތިން އެޑިޝަންގައި 55 އަށް ވުރެ ގިނަ ކެޓަގަރީތައް ހިމެނެއެވެ.
އެވޯޑުގެ ބަރުދަން އިތުރުވެފައިވާއިރު، މަޓާޓޯއިން ދަނީ އެ އެވޯޑަކީ ބައިނަލް އަގުވާމީ ފެންވަރުގައި ބަލައިގަންނަ އެވޯޑަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.
ޕީޕަލްސް އެޑިޝަންގެ އެވޯޑުތައް ދޭނީ އަދާރަން ހުދުރަންފުށި ރިސޯޓުގައި އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.