ތަރައްގީވަމުން އަންނަ ގައުމުތަކަށް ވިލާތުގެ އިއްތިހާދުން ދޭ ޖެނެރަލައިޒްޑް ސްކީމް އޮފް ޕްރިފެރެންސެސް ޕްލަސް (ޖީއެސްޕީ ޕްލަސް)ގެ އިނާޔަތް ސްރީލަންކާއަށް ދިނުމަށް ވިލާތުގެ އިއްތިހާދުން ފާސްކޮށް، އެގައުމާ އެކު މިނިވަން ވިޔަފާރި ކުރުމަށް މަގުފަހިވެއްޖެއެވެ.

ސްރީލަންކާއަށް ޖީއެސްޕީ ޕްލަސް ދޭނެކަމުގެ ޔަގީންކަން އެގައުމަށް ޔޫރަޕިއަން ޔޫނިއަނުން މިއަހަރުގެ ވަނީ ދީފައެވެ.

ޖީއެސްޕީއަކީ، ތަރައްގީވަމުން އަންނަ ގައުމުތަކުން ވިލާތުގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މުދަލަށް ދައްކަންޖެހޭ ޑިއުޓީގެ މިންވަރު މަދުކޮށް، ނުވަތަ ޑިއުޓީ ކަނޑާލުމަށް ދެވޭ އިނާޔަތެކެވެ.

ޖީއެސްޕީ ޕްލަސްއަކީ، ޖީއެސްޕީގެ އިނާޔަތް ލިބޭ ގައުމުތަކުގެ ތެރެއިން، އިންސާނީ އަދި މަސައްކަތްތެރިންގެ ހައްގުތަކާއި، ދެމެހެއްޓެނެވި ތަރައްގީއާއި ހެޔޮ ވެރިކަމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކޮށްފައިވާ ގައުމުތަކުން، އެ މުއާހަދާތަކަށް ފުރިހަމައަށް އަމަލުކުރާ ނަމަ ދޭ އިތުރު ލުއިކަމަކާއި އިނާޔަތުގެ ސްކީމެކެވެ. ޖީއެސްޕީ ޕްލަސްގެ ދަށުން، ވިލާތުން 6،000 ޓެރިފް ލައިނަކުން، އެކްޕޯޓުތަކަށް ޑިއުޓީ ދަށްކޮށްދެއެވެ.

ވިލާތުގެ އިއްތިހާދުގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ، ސްރީލަންކާއަށް ޖީއެސްޕީ ޕްލަސް ދިނުމަށް ފާސްކޮށް، މިނިވަން ވިޔަފާރި ހުޅުވާލައިފައެވެ.

އެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ފޮރިން އެފެއާޒް ކައުންސިލުން ބުނީ، ސްރީލަންކާއިން ވަނީ އިންސާނީ އަދި މަސައްކަތްތެރީންގެ ހައްގުތަކާއި، ތިމާވެށި ރައްކާކުރުމާއި ހެޔޮ ވެރިކަމުގެ ނިޒާމުތަކާ ބެހޭ ބައިނަލްއަގުވާމީ ގިނަ މުއާހަދާތަކެއް ތަސްދީގުކޮށް، ތަންފީޒުކުރަމުން ކަމަށެވެ.

"އެހެންކަމުން، ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ޓެރިފް ޕްރިފެރެންސް ދޭ އާންމު ސްކީމުގެ އިތުރުން، ދެމެހެއްޓެނެވި ތަރައްގީއާއި ހެޔޮ ވެރިކަމުގެ ނިޒާމު ކުރިއެރުވުމަށްޓަކައި އިތުރު ޓެރިފްގެ އިނާޔަތްތައް ލިބިގަތުމަށް ސްރީލަންކާ ޝަރުތުހަމަވާ ކަމަށް ވަނީ ނިންމާފައި،" ވިލާތުގެ އިއްތިހާދުގެ ފޮރިން އެފެއާޒް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއވެ.

މީގެ ކުރިންވެސް ސްރީލަންކާއަށް ޖީއެސްޕީ ޕްލަސްގެ ޓެރިފް އިނާޔަތްތައް ލިބުނު ނަމަވެސް، ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވެއްޖެ ކަމަށް ބުނެ، ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި، 2010 ވަނަ އަހަރު އެ އިނާޔަތްތައް އަނބުރާ ގެންދިޔައެވެ.