ސިއްހީ ޚިދުމަތް ދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނުކުތަކުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް އަލުން ދިނުމަށް ސަރުކާރުން ނިންމުމުން އޭޑީކޭ އިން މިރޭން ފެށިގެން ރައްޔިތުންނަށް އެ ހިދުމަތް ދޭން ފަށައިފި އެވެ.

އޭޑީކޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ހިދުމަތް އަލުން ފެށުމަށް އިއްޔެ ވަނީ އާސަންދަ ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައި ކަމަށާއި މިރޭ 12:00 އިން ފެށިގެން ކުރިއެކޭ އެއްގޮތައް އެ ހޮސްޕިޓަލުން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލި ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާ އެކު 24 ގަޑިއިރު ނުވަނީސް ސަރަކާރުން ވަނީ ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ހިދުމަތް ދިނުމަށް ނިންމާފައެވެ.

އާސަންދަ ކަނޑާލި ސަބަބެއް ކަމަށް އޭރު އާސަންދަ ކުންފުނިން ބުނީ އަމިއްލަ ތަންތަނުން އެކަށޭނަ އަގަކާ ނުލައި ހިދުމަތް ދޭތީ ކަމަށެވެ.

ނަމަވެސް އޭޑީކޭއިން އޭރު ބުނެފައި ވަނީ އަލުން އާސަންދައިގެ ހިދުމަތް އަނބުރާ ލިބޭނީ އެގްރިމެންޓް ހެދުމަށްފަހުގައި ކަމަށެވެ.

އާސަންދަ ހެލްތު އިންޝުއަރަންސް ސުކީމުގައި ހިމެނޭ ޚިދުމަތްތައް، ދައުލަތުން ހިންގާ ސިއްޚީ ޚިދުމަތް ދޭ ތަންތަނުން ހިލޭ ލިބޭ ނަމަވެސް، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ޚިދުމަތްތައް ކަވަރު ކުރަނީ ވަކި މިންވަރަކަށެވެ.