ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަޅުމުން ނެރުމަށްޓަކައި ރާއްޖޭގެ ގައުމީ ދިފާއީބާރު )އެމްއެންޑީއެފް(ގެ ސިފައިން ތަޅުމަށް ވެއްދުމުގެ ހުއްދަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި ނައިބް ރައީސްގެ ހައިސިއްޔަތުން ރިޔާސަތުގައި އިންނަވައިން ނުދެއްވާނެ ކަމަށް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ނާޒިމް ވިދާޅުވީ މެންބަރަކު މަޖިލީޙުގެ ތަޅުމުން ނެރުމުގެ އިހްތިޔާރު އެމްއެންޑީއެފަށް ދީފިނަމަ މެންބަރަކު ތަޅުމުން ނެރުމުގެ ބާރު ލިބިގެންވާ ކަމުގެ ގާނުނީ ލަފާ ދީފައިވީ ނަމަވެސް އެ ހުއްދަ ސިފައިންނަށް ނުދެއްވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކުގައި ފާހަގަ ކުރެއްވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަތަކާ ގުޅުވައިގެންނެވެ. އަދި މަޖިލީޙުގެ ތަޅުމަށް އެމްއެންޑީއެފުން ބޭފުޅުން ވައްދުގެ ގާނުނީ ލަފަޔާމެދު ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވެވި އެވެ. އެގޮތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފުގެ އިތުރުން ގެމަނަފުށީ ދާއިރާގެ މެންބަރު ނިޒާމީ މައްސަލަތަކުގައި އެކަން ފާޅުކޮށްފައިވެ އެވެ.

މިއަދުގެ ޖަލްސާ މެދު ކަނޑައިލެއްވެވީ ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީޙުގެ ސެކަރެޓޭރިއަޓްގެ ކުރިމައްޗަށް އަލީ އާރިފު ހުއްޓި ވަޑައިގަތުމުން އޭނާގެ ނަންއިއްވުމުން ވެސް ތަޅުމުން ނުކުމެވަޑައި ނުގަތުމުންނެވެ.