މި މަހުގެ 12 އިން 22 އަށް އަޒަރްބައިޖާންގެ ބާކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓަކަށް ރާއްޖޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިއާ އަބްދުﷲ ފާއީހް ފަޒީލް ހަމަޖައްސައިފިއެވެ.

މިހާރު އަޒަރްބައިޖާންގެ ބާކޫގައި ތިބި ރާއްޖޭގެ 17 އެތްލީޓުންނާ އެކު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަނީ ފާއީއާ ގައުމީ ދިދަ ހަވާލްކޮށްފައެވެ.

ޒުވާން ކުޅުންތެރިއާ ފާއީ ވަނީ އެންމެ ފަހުން ބޭއްވި އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެންބައިގެ ސިންގަލްސްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގައި ސްވިމިންގް، ޓޭބަލް ޓެނިސް، ޝޫޓިންގެ އިތުރަށް ޓެނިސް އަދި އެތްލެޓިކްސްގައި ދިވެހި އެތުލީޓުން ވާދަ ކުރާނެއެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓުންނަކީ، ހަސަން ސާއިދު އާއި އަޒްނީމް އަހްމަދާއި ހުސެއިން ފަޒީލް، ސަރީޝް އަޙްމަދު އަދި ޒައިދު ޝަރީފެވެ. މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އަހްމަދު ފާއިލް އާއި ހުސައިން ހަލީމެވެ.

ރާއްޖެއިން އެ މުބާރާތުގައި ވާދަކުރާ ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި މުހައްމަދު ސައީދު ހަމަޖައްސާފައިވާއިރު އޭނާގެ ނައިބަކަށް ހަމަޖައްސާފައި ވަނީ މުއުމިނާ އާދަމެވެ. އޮލިމްޕިކް ކޮމިޓީން ބުނީ މި ދެބޭފުޅުން އެ މަގާމުތަކަށް ހަމަޖެއްސީ އެ ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީން ކަަމަށެވެ.

ގޭމްސްގައި ވާދަކުރާ ޑެލިގޭޓްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ. މުހައްމަދު ފަޔާޒް ރިޒާ އެވެ.

ބަކޫގައި 11 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި 57 ގައުމަކުން 4000 އަށް ވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ.