11 May 2017, 21:07
ޓީސީ އަކީ މިވަގުތު މާލޭ ލީީގުގައި ކުޅެމުންދާ އެންމެ މޮޅު އެއް ޓީމު ކަމަށާއި އެ ޓީމާ ދެކޮޅަށް ނުކުންނައިރު މާޒިޔާއަށް މެޗު ފަސޭހަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު މާރްޔަން ސެކުލޮސްކީ ބުނެފިއެވެ.
މާދަމާ ރޭ ކުޅޭ މެޗާ ގުޅޭ ގޮތުން މާޒިޔާގެ ކޯޗް ބުނީ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ އަރާމް ނުލިބި މާދަމާ ރޭގެ މެޗަށް ނުކުންނަން ޖެހުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް ކުޅުންތެރިން މިހާތަނަށް އައި އިރުވެސް ދެއްކި ހިތްވަރު ކުރިއަށް އޮތްތަނުގައި ވެސް ދައްކާނެ ކަމާމެދު ޝައްކު ނުކުރާކަމަށެވެ.
ތަޖުރިބާކާރު ކޯޗް ބުނީ މާޒިޔާ ނޫން އެހެން ހުރިހާ ޓީމަކަށް ވެސް މާލޭ ލީގުގައި އެޑްވާންޓޭޖް އެބަ އޮތް ކަމަށާއި ބިޒީ ޝެޑިއުލްގެ ސަބަބުން ހުރިހާ ގޮތަކުން ވެސް ގެއްލުން އޮތީ މާޒިޔާއަށް ކަމަށެވެ. އަދި ބުނީ ކުޅުންތެރިން ކޮންމެ މެޗަކަށް ވެސް ތައްޔާރުވަނީ އިދިކޮޅުގައި އޮތީ ކިހާ ފެންވަރެއްގެ ޓީމެއްކަން ދަނެގެން ކަމަށެވެ.
މާޒިޔާއަށް އިންޑިއާގެ ގަދަބާރު މޯހަން ބަގާން އަތުން ތިން ޕޮއިންޓް ހޯދައިދިން ކޯޗު ބުނީ ޓީސީއަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު ވިސްނަންޖެހޭނެ ކަމަށެވެ. އަދޮ ކޯޗް ވަނީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އަށްވެސް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ކޯޗް ބުނީ ނިޒާމްބެ އަކީ މޮޅު ކޯޗެއް ކަމަށާއި އެނާގެ އިރުޝާދުގެ ދަށުން ޓީސީ ހޯދި ކާމިޔާބީތައް އެކަމަށް ހެކިދޭނެ ކަމަށެވެ.
މާޒިޔާ މިވަގުތު ލީގު ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓާ އެކު އޮތްއިރު މާޒިޔާގެ ކޯޗް ބުނީ ފުރަތަމަ ބުރު ނިންމާލަން ބޭނުންވަނީ ރަނގަޅު ލީޑަކާ އެކު ކަމަށެވެ.
މާޒިޔާ އަދި ޓީސީ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 21:00 ގައެވެ.