ލީގުގައި މިހާތަނަށް މާޒިޔާ އެއްވެސް މެޗަކުން ބަލިނުވެ އޮތުމަކީ މާދަމާ ރޭ މެޗަށް ނުކުންނައިރު އެޓީމު ބަލިކުރަން ޓީސީ ކުޅުންތެރިން އެންމެ ބޭނުވާނެ އެއްކަން ކަމަށާއި އަދި އެޓީމު އަތުން ތިން ޕޮއިންޓް ހޯދައިގެން ނޫނީ ޓީސީއަށް ހަމަޖެހިލެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މާޒިޔާ ލީގުގައި ދަމަހައްޓަމުން އަންނަ މޮޅަށް ނިމުމެއް ގެންނަން ޓީސީގެ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާނެ ކަމަށާއި އަމާޒަކީ އެ ޓީމު ބަލިކުރުން ކަމަށެވެ.

ޓީސީ އަށް މިދިއަ ދެ އަހަރުވެސް ކޯޗުކަން ކޮށްދީފައިވާ ނިޒާމްބެ ބުނީ ޓީސީ ފުަރަތަމަ ބުރު ނިންމާލަން ބޭނުން ވަނީ ތިން ވަނާގައި އޮވެ ކަމަށާއި އެހެން ކަމުން މާދަމާ ރޭގެ މެޗުން ކޮންމެހެން ވެސް ނަތީޖާ ނެރެން ޖެހޭ ކަމަށެވެ.

ނިޒާމްބެ ބުނީ ޓީސީ އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި މާޒިޔާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ގްރީން ސްޓްރީޓް އަތުން ވީ ބައްޔާއި މެދު ނުވިސްނާ ކަމަށާއި ދާން ބޭނުންވަނީ ކުރިއަށް ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ލީގު ތާވަލްގެ އެއްވަނާގައި މާޒިޔާ 18 ޕޮއިންޓާ އެކު މިވަގުތު އޮތްއިރު ޓީސީ ހަތަރުވަނާގައި އޮތީ 10 ޕޮއިންޓާއި އެކުއެވެ. މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 21:00 ގައެވެ.