އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމްގެ ކައުންސިލްގައި މަޝްވަރާކޮށްފިއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި އެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރީޕުގެ ގިނަ މެމްބަރުން ތަކެއް ވެސް ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދިޔަ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައިި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ޕީޕީއެމްއަށް ދިމާވީ ކަންތައްތައް ދިރާސާ ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައެވެ.

"މައިގަނޑު ގޮތެއްގައި މިއަދުގެ ބައްދަލުވުމަކީ އަޅުގަނޑުމެން 2018 އަށް ތައްޔާރުވުމުގެ ގޮތުން މި އިންތިހާބު [ލޯކަލް ކައުންސިލްތަކުގެ]ގެ ނަތީޖާއާ އެކު ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެއް. މިއަދުގެ ބައްދަލުވުމުގައި ނިންމީ އަޅުގަނޑުމެންގެ ކައުންސިލުން ކުޑަ ކޮމެޓީއެއް ނަގައިގެން އިތުރަށް ދިރާސާތަކެއް ކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގެ ނަތީޖާ ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ސަން އޮންލައިންގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ބޮޑު ތަފާތަކުން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ.

އެ އިންތިހާބުގެ ނަތީޖާއާ ރިޔާސީ އިންތިހާބާ ނުގުޅުވޭނެކަން ހާމަކުރަމުން އަބްދުއްރަހީމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ ގިނައިން ރައްޔިތުން ވޯޓް ދީފައި ވަނީ ޕާޓީތަކަށް ބެލުމަށް ވުރެ، އާއިލާ އާއި ރަހުމަތްތެރިންނަށް އިސްކަން ދީގެން ކަމަށެވެ.

"އެއީ ރަށްރަށުގައި މި ވާގޮތަކީ ވަޒީފާގެ މާ ގިނަ ފުރުސަތުތަކެއް ނޯވޭ. ނެތީމަ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކައުންސިލަށް މި ކުރިމަތިލަނީ. ކުރިމަތިލީމަ އެމީހާގެ އާއިލާއިން އެމީހަކަށް ވަޒީފާއެއް ހޯދައިދިނުމަށްޓަކައި ވޯޓުތަކެއް އެބަދޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން މިއަދުގެ ސަރުކާރަށް ތާއިދު ނެތް ކަމަށް ނުބުނެ ވޭނެ ކަމަށާއި ރައްޔިތުން ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް ބަލައިގަންނަމުންދާ ކަމަށެވެ.