ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ އަތުން ފުލުހުން އަތުލި ފޯނާއި، މޮބައިލް ފޮރެންސިކް ރިޕޯޓުގައި ޖަހާފައިވާ ފޯނުގެ މޮޑެލް ދިމާ ނުވާތީ އެކަން ރިޔާޒުގެ ފަރާތުން ފެންމަތި ކޮށްފި އެވެ.

ރިޔާޒުގެ މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި، ރިޔާޒުގެ ވަކީލުން ވިދާޅުވީ، ރިޔާޒު ގެންގުޅުއްވަނީ "އައިފޯން 6 ޕްލަސް" އެއް ކަމަށާއި، ނަމަވެސް މޮބައިލް ފޮރެންސިކް ރިޕޯޓުގައި ރިޔާޒުގެ ފޯނެއްގެ ގޮތުގައި ޖަހާފައިވަނީ "އައިފޯން 6 އެސް" އެއް ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ އޮޅުމަކުން ޖެހިފައި އިން އެއްޗެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރިޔާޒުގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެ ރިޕޯޓަކީ، ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަނެވިގެންވާނެ ރިޕޯޓެއް ނޫން ކަމަށެވެ. ސަބަބަކީ އެ ރިޕޯޓަކީ ސައްހަ ރިޕޯޓަކަށް ނުވާނެތީ ކަމަށް ހިސާން ވިދާޅުވި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ގާޒީ އަހުމަދު ޝަކީލް ވަނީ ދިފާއީ ވަކީލު ކުރިން އެދުނު ކަމެއް ސާފުކޮށްދެއްވާފައެވެ.

ރިޔާޒުގެ ފޯނުގެ ޕިން ކޯޑު ދިނުމަށް ވަކި ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން ކޯޓުގައި އެދުނުތޯ ސާފުކޮށްދިނުމަށް އޭނާގެ ވަކީލު ވަނީ ކުރިން ބޭއްވި އަޑުއެހުމުގައި އެދިވަޑައިގެންފައިވެއެވެ.

ގާޒީ ޝަކީލް ވިދާޅުވީ އެފަދަ އަމުރަކަށް ފުލުހުން ކޯޓުގައި އެދިފައިނުވާ ކަމަށެވެ.

މިއަދު އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކެއް ކަމުގައިވާ ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނެރެފައިވާ ކޯޓު އަމުރާއި ގުޅޭ ގޮތުން ދިފާއީ ވަކީލު ވަނީ ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ރިޔާޒުގެ ފޯނުގައިވާ "އެންމެހާ މައުލޫމާތު" ދިނުމަށް ކޯޓު އަމުރުގައި ލިޔެފައި އޮތް ނަމަވެސް، އޭގެ ތެރޭގައި ޕިން ކޯޑު ނުހިމެނޭ ކަމަށް ރިޔާޒްގެ ވަކީލު ހިސާން ހުސައިން ފާހަގަ ކުރެއްވި އެވެ. ޕިން ކޯޑަކީ މީހާގެ ޒާތީ މައުލޫމާތެއް ކަމަށާއި، އެއިން ހަމަ އެކަނި ލިބޭނީ ރިޔާޒުގެ ޒާތީ މައުލޫމާތު ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އެގޮތުން ފޯނު ހުޅުވައިދީފި ނަމަ އެހެން ބައެއްގެ ޒާތީ މުއާމާލާތްތަކަށް ރިޔާޒު އަރައިގެން ކަމަށް ވާނެ ކަމަށް ވަކީލު ފާހަގަ ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި އެ ކޯޓު އަމުރުގައި ޕިން ކޯޑު ދިނުމަށް އެދިފައިނުވާއިރު، މީގެ ކުރިން ނެރެފައިވާ ކޯޓު އަމުރު ތަކުގައި އެގޮތަށް ލިޔެފައި ހުންނަަކަން ރިޔާޒުގެ ފަރާތުން ފާހަގަ ކުރެއްވި އެވެ. އަދި ރިޔާޒުގެ ފޯނު އަތުލުމަށް ކުރި ކޯޓު އަމުރުގެ ފަހުން ވެސް ސީދާ ޕިން ކޯޑު ދިނުމަށް އެދި އަމުރުގައި ލިޔެ އަމުރު ނެރެފައިވާ ކަމަށްވެސް ވަކީލުން ފާހަގަ ކުރެއްވި އެވެ.

ރިޔާޒުގެ މައްޗަށް ދައުވާ ކުރި މައްސަލަ އަނބުރާ ގެންދިއުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޯމް ހުށަހެޅުއްވުމަށް މަސައްކަތް ކުރިކަން ރިޔާޒުގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭ ގަޑި ޖެހިފައިވާތީ ފޯމް ބަލައިގެންފައި ނުވާ ކަމަށް ރިޔާޒުގެ ވަކީލު ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވި އެވެ.

ޝަރީއަތް ފެށުމާ އެކު އެކަން ފާހަގަ ކުރައްވައި ވަކީލު ވަނީ، އެކަމަށް ހުށަހެޅުމުން ވަކި ގޮތެއް ޕީޖީން ކަނޑައަޅަންދެން ޝަރީއަތް މެދުކަނޑާލުމަށް އެދި ވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލައިގެ އިތުރު އަަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ. އެ އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.