11 Jul 2011, 09:12
11:15 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން ދާދި ދެންމެއަކު ޖަލްސާ ނިންމާލައިފި އެވެ.
ޒެޑް ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ އަލީ އާރިފްގެނަން އިއްވަވައި މަޖިލީހުގެ ޖަލްސާއިން އޭނާ ނިކުންނެވުމަށް އަންގަވައި ނުނިކުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުގަނޑުއްވާ ލައްވައިފި އެވެ.
ނިޒާމީ މައްސަލއިގައި ތަޅުން ހޫނުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަލީ އާރިފަށް ތަކުރާރުކޮށް އެންގެވުމަށްފަހު 9:13ގައި ޖަލްސާ މެދުކަނޑުއްވާލައްވަމުން ނާޒިމު ވިދާޅުވީ، އަލީ އާރިފް ޖަލްސާއިން ނުކުމެވަޑައިގަންނަވަންދެން ޖަލްސާ މެދުކަނޑުއްވައިލެއްވީ ކަމަށެވެ.
މިއަދުގެ ޖަލްސާ ފެށިގެން އެޖެންޑާ އިއްވެވުމަށްފަހު، ޑިފެންސް މިނިސްޓަރު ޠަލްޙަތު އިބްރާހީމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަކަށް ފޮނުއްވުމަށް، އެ މައްސަލައާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވާފައިވާ ންނަފުޅު އިއްވެވުމަށް، ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް އަމީން އާއްމު އަހުމަދު މުހައްމަދަށް އެންގެވުމުން މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ.
ފުރަތަމަ ނިޒާމީ މައްސަލަ ނަންގަވައި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތަށް މަޖިލީހުގައި މެންބަރަކު ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ނުވަތަ ދެއްވުމުގައި އަމަލު ކުރެއްވި ގޮތަކުން ކޯޓަކަށް އެ މެންބަރަލު ހާޒިރުކޮށް ތަހްގީގުކޮށް ހައްޔަރުކޮށް ދައުވާއެއް ކޮށްގެންނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފްގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ވަދެ މެންބަރުން ހައްޔަރު ކުރާނެކަމަށް ބުނެ މެންބަރުންނަށް ބިރު ދައްކާފައިވާ ކަމަށެވެ.
"މިތަނުގައި ވަކި ބަޔަކު ހިންގި ގާނޫނީ މަސައްލަތަށް އެބޭފުޅުން ވަނީ ހުރަސް އަޅުއްވައިފަ. އެކަމަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަންތައްތައް ކުރެއްވީމަ މެންބަރުން ނެންގެވި ނިޒާމީ މައްސަލައަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހުން ފުލުހުންނަށް އެންގެވުމުން. އެކަން ރިޔާސަތުން ބަލަން ޖެހޭނެ މިތަން ދިފާއީ ބާރާ ހަވާލު ކުރީ ކޮން ގާނޫނަކުން ކޮން ހައިސިއްޔަތަކުންތޯ ބަލަންޖެހޭނެ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ އިއްޔެ ފުލުހުން ވަޑައިގެންނެވީ، މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި އެންއެން ޑީއެފްގެ ބޭފުޅުންނާ ބޭއްވި ބައްދަލު ވުމެއްގެ މައުލޫމާތު ޝާހިދު ނާޒިމަށް ދެއްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ހުއްދަނެތި ޗެންބަރު ތެރެއަށް ސިފައިން ނުވަންނާނެ ކަމަށާއި ޝާހިދާއި ނާޒިމު ހުންނެވީ އެ ހުއްދަ ދެއްވާގޮތަށް ނޫން ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
ނާޒި މު ދެއްވި ޖަވާބާ ގުޅިގެން އަލީ އާރިފްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ގެމަނަ ފުށީ ދާއިރާގެ އިލްހާމް އަހްމަދު ވެސް ނިޒާމީ މައްސަލަ ނަންގަވަން ފައްޓެވުމުން މެންބަރުންގެ މެދުގައި ޒުވާބު ގަދަވެ އަޑުގަދަވެގެން ދިޔަ އެވެ. އެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދެވީ، ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރެއްވުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ ތަޅުން އިތުރަށް ހޫނުވީ، ކޮމިޓީތަކުގެ މައްސަލައިގައި މަޖިލީހުން ގޮތެއްނިންމާފައިވާ ކަމަށާއި، މަޖިލީހުން ނިންމި ގޮތާ އެއްގޮތަށް ކޮމިޓީތަކަށް މީހުން ހަމަޖެއްސުމަށް ޕާޓީތަކުން ނަންތަކެއްނުފޮނުވާކަމަށް ވިދާޅުވެ ނިޒާމީ މައްސަލައަށް އިތުރު ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
"ފުރަތަމަ އެމްއެންޑީއެފްގެ ބޭފުޅުންގެ ވާހަކަ ވިދާޅުވީ، ދެން ވިދާޅުވީ އިމްތިޔާޒާބެހޭ މައްސަލައެއްގެ ވާހަކަ. ދެން ވިދާޅުވީ ކޮމިޓީތަކުގެ ވާހަކަ މި ތިން ކަންތަކުގައި އަޅުގަނޑު ވަނީ ރޫލް ކޮށްފައި ދެން މި ތިންކަންތަކަށް ނިޒާމީ މައްސަލައަކަށް ފުރުސަތެއް ނުދޭނަން،" ނާޒިމް ވިދާޅުވި އެވެ.