19:00


ޏ. ފުވައްމުލަކު އަނބުލުފަންނު ސަރަހައްދަށް މޫދަށް އެރިއުޅުނު އުމުރުން 11 ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.


އަނބުލުފަންނު ސަރަހައްދަށް މޫދަށް އެރިގެން އުޅުނު ހޯދަޑު އަވަށު، މުރިނގު، ޢުމުރުން 11 އަހަރުގެ ނަހުދު މުހައްމަދު މަރުވެފައި ވަނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.  


ސަންއެފްއެމް ބްރޭކިއުން ނިއުސް އަށް މައުލޫމާތު ދެމުން ފުވައްމުލަކު ކައްޓެޅި އޮންލައިންގެ ޖާނަލިސްޓެއް ކަމަށްވާ މުހައްމަދު ފަޔާޒް ބުނީ، ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ނަހުދާއި އަދި ގްރޭޑް ހަތަރެއްގައި އުޅޭ އެހެން ކުއްޖަކާ ދެ ކުދިން އެކީގައި މޫދަށް އެރުނީ މިއަދު ހަވީރު ހަތަރެއްޖަހާކަންހާއިރު ކަމަށެވެ. އަދި ނަހުދު ގެނބެން ދިމާވީ މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތުމުގެ ސަބަބުން ކަމަށާއި އޭނާ ސަލާމަތްކުރަން ފޭބި މީހުންނަށް އޭނާ އަތުވާވަރުވީ ކުރިން ބޯޓުފަހަރު ފަތްތިޔާ އެޅި ހިސާބުން ކަނޑުފަރުން ބޭރުވެފައި ވަނިކޮށް ކަމަށް ވެސް ފަޔާޒު ބުންޏެވެ.


ނަހުދު ސަލާމަތްކުރުމަށްޓަކައި މޫދަށް ފޭބި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސްވެގެން ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފަޔާޒު ބުންޏެވެ.