11 May 2017, 16:59
ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބަކީ ކޮބައިތޯ ސުވާލުކުރެވިއްޖެ ނަމަ އޭގެ ޖަވާބު ވަރަށް ފަސޭހަވާނެއެވެ. ސަބަބަކީ، މިހާތަނަށް އެ މުބާރާތް 11 ފަހަރު ކާމިޔާބުކޮށްފައިވާސްޕެއިންގެ ރެއާލް މެޑްރިޑްއާ އެންމެ ގާތްކުރާ އަދަދަކަށް ވެސް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ އިޓަލީގެ އޭސީ މިލާނަށެވެ. އެއީ ހަތްފަހަރެވެ.
އެހެންކަމުން ޔޫރަޕިއަން ފުޓްބޯޅައިގައި ރެއާލަށް ވުރެ ވަކިން ތަޖްރިބާ ގިނަ ކްލަބެއް އޮންނާނެއެކޭ ނުބުނެވޭނެއެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ އެއްމެޗަކީ މިދިޔަ ސީޒަންގެ ފައިނަލުގެ ފައްކުރުމެކެވެ. އެއީ ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ފުޓްބޯޅައިގެ ވާދަވެރި ދެބާރުގެ ކުރިމަތިލުމެކެވެ.
ސެމީގެ ފުރަތަމަ ލެގުގައި ރެއާލުން ވަނީ، އަމިއްލަ ދަނޑުގައި 3-0ގެ ނަތީޖާއަކުން އެތުލެޓިކޯ ބަލިކޮށްފައެވެ. ރެއާލްގެ މި މޮޅުގެ އެންމެ ބޮޑު ތައުރީފެއްގެ ހައްގުވެރިއަކީ، ރެއާލްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެ މެޗުގައި ރެއާލް ކާމިޔާބުކުރި ތިން ލަނޑުވެސް ކާމިޔާބުކުރީ އޭނާއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ
ސެމީގެ ދެވަނަ ލެގުގައި މިދެޓީމުގެ ކުރިމަތިލުން ވިސެންޓޭ ކަލްޑެރޯންގައި ފެށުނުއިރު ހުރިހާ އެޑްވާޓޭޖެއް އޮތީވެސް ރެއާލަށެވެ. އެހެން ނަމަވެސް 2-1 ލަނޑުން މެޗު ކާމިޔާބުކުރީ އެތުލެޓިކޯއިންނެވެ. ނަމަވެސް އެ މޮޅުގެ ފައިދާއެއް އެތުލެޓިކޯއަކަށް ނުކުރިއެވެ. ސަބަބަކީ އެގްރިގޭޓް ނަތީޖާއިން ކުރި ލިބުނީ ރެއާލަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް އެތުލެޓިކޯއިން ނެގި ނަމަވެސް، އޭގެފަހުން ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ރެއާލުން ވަނީ ލަނޑެއްޖަހައި އެތުލެޓިކޯއިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ.
ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ރޭގެ މެޗު ރެއާލުކޮޅަށް ބަދަލުވެގެން ދިޔަ ހިސާބަކީ، ފުރަތަމަ ހާފް ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އިސްކޯ ކާމިޔާބުކޮށްދިން ލަނޑެވެ.
"އަހަރެމެންނަަށް އެނގޭ އެންމެ ލަނޑަކުން އަހަރެމެންނަށް އެމީހުން (އެތުލެޓިކޯ)ގެ ދުވަސް ދުއްވާލެވޭނޭކަން. އަހަރެމެންގެ ތަޖްރިބާ މާ ގިނަ، އަދި އަހަރެމެން ވާނީ އެކަން ދައްކާފައި،" ޗެމްޕިއަންސް ލީގު ފައިނަލުގެ ޖާގައެއް ހޯދުމަށްފަހު އެލް-ލަގުއެރޯއަށް ރޮނާލްޑޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ރެއާލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ރެއާލުން ފައިނަލުން ޖާގަ ހޯދީ 4-2 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން --- ފޮޓޯ/ އޭޕީ
އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހު ކާޑިފް ސިޓީގައި ކުޅޭ ފައިނަލް މެޗުގައި ރެއާލާ ދެކޮޅަށް ނުކުންނާނީ، އިޓަލީގެ ޔުވެންޓަސްއެވެ. މި މެޗަށް ތައްޔާރުވަމުން ދާއިރު ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި، ފަހުގެ ތާރީޚެއްގައި ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ޓްރޮފީ ޖެހިޖެހިގެން ދެފަހަރު ބެހެއްޓުމުގެ ޝަރަފް ހޯދާ ފުރަތަމަ ކްލަބަކަށް ރެއާލަށް ވެވޭނެއެވެ.
"ކަންތައްތައް ކޮންމެ ގޮތަކަށް ވެސް ހިނގައިދާނެ. އެކަމަކު އަހަންނަށް ފެނޭ އަހަރެމެންގެ ޓީމު ވަރަށް ރަނގަޅަށް. ޓީމު އޮތީ ވަރަށް ވަރުގަދަކޮށް،" 12 ވަނަ ޗެމްޕިއަންސް ލީގު ތައްޓާ ދިމާއަށް މިސްރާބު ހިފާފައިވާ ރެއާލާ ގުޅޭ ގޮތުން ރޮނާލްޑޯ ކިޔައިދިނެވެ.
"ހުރިހާ ކުޅުންތެރީން ވެސް ވަރަށް ރަނގަޅު، އެއީ އާންމުކޮށް ކުޅޭ ކުޅުންތެރީންވެސް އަދި މަދުން ނަމަވެސް މެޗުތަކުން ފެންން ކުޅުންތެރީން ހިމެނޭ ގޮތަށް."