11 May 2017, 15:08
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނައި ނެރެފައި ހުރި ބައެއް ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް 24 ފޮއްޓެއްގައި ހުރި ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ 24 އެންވެލޮޕެއްގައި ހުރި ވޯޓު ކަރުދާސްކޮޅުތައް އަލުން ގުނަން ނިންމީ ޝީޓުގައި ޖަހާފައި ހުރި ނަތީޖާތަކުގެ ބައެއް އަދަދުތައް އޮޅޭ ގޮތަކަށް ހުރުމާއި ބައެއް އަދަދުތައް ދިމާ ނުވާތީ ކަމަށެވެ.
"ބައެއް އަދަދުތައް މިސާލަކަށް ވޯޓް ލީ އަންހެނުންނާއި ފިރިހެނުންގެ އަދަދުގެ އޮޅުމެއް ހުރުން ކަހަލަ ބައެއް މައްސަލަތައް ހުރީމާ ކަށަވަރުކޮށްލަން އަލުން ގުނަނީ،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން 8000 އަށް ވުރެ ގިނަ ނަތީޖާ ޝީޓު ތައްޔާރުކޮށްފައިވެ އެވެ. އަދި އެ ޝީޓުތައް ސްކްރީނެއްގައި ޖެއްސުމުން އޮޓަމެޓިކުން ޝީޓު ސިސްޓަމަށް އެންޓާ ވާގޮތަށް ވަނީ ބައްޓަންކޮށްފަ އެވެ.
އަކްރަމް ވިދާޅުވީ އަލުން ގުނަނީ ސިސްޓަމުން ރިޖެކްޓްކުރި ޝީޓްތައް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ މިހާރު ނަތީޖާ ހާމަކޮށްފައިވާ ބައެއް ދާއިރާކުން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީ އެވެ.