މި އަހަރުގެ އޭޕްރީލް މަހުގެ އިމްޕޯޓު ޑިއުޓީ ފަސް ޕަސެންޓު ދަށްވެ، އިމްޕޯޓްސް ނުވަ ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމަސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު އެތެރެކުރީ ޖުމްލަ ތިން ބިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 ޕަސެންޓު އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާ އިރު، 16 ޕަސެންޓު އިންޑިއާ އިން، 12 ޕަސެންޓު ސިންގަޕޫރުން، 10 ޕަސެންޓު ޗައިނާ އިން އަދި 6 ޕަސެންޓު މެލޭޝިއާއިން އެތެރެކޮށްފައިވެ އެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ އެޕްރީލު މަހާ އަޅާބަލާ އިރު ހުސްވި އެޕްރީލު މަހު ފަސް ޕަސެންޓު ދަށަށްގޮސްފަ އެވެ. މިދިޔަ އެޕްރީލު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 203 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2016 ވަނަ އަހަރުގެ އެޕްރީލުމަހު ލިބިފައި ވަނީ 214 މިލިއަން ރުފިޔާ އެވެ.

އޭޕްރީލް މަހުގެ އިމްޕޯޓްސް ނުވަ ޕަސެންޓު އިތުރުވި އިރު، އެމަހުގެ ތެރޭގައި މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީ 21 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލުމަހު 353 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިއަހަރުގެ ގެ އެޕްރީލުމަހު މި އަދަދު ވަނީ 279 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ރާއްޖެ އިން އެންމެ ގިނައިން ބޭރު ކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ އެޕްރީލުމަހު އެކްސްޕޯޓްކުރި މުދަލުގެ 39 ޕަސެންޓު އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ.