ދިއްލީ (މެއި 11): އިންޑިއާގެ ރާޖަސްތާނު ސްޓޭޓުގައި ކުރިއަށް ދިޔަ ކައިވެނި ޕާޓީއެއްގައި ފާރެއް ވެއްޓުމުގެ ސަބަބުން 22 މީހަކު މަރުވެއްޖެ އެވެ.

ބާރަތުޕޫރު ޑިސްޓްރިކްޓުގައި އެހާދިސާ ހިނގީ ވާރެއިން ހިޔާވުމަށް ޓިނުން ހަދާފައިވާ ކުޑަ ގެއަކަށް ބަޔަކު ވަދެ ތިއްބަ އެވެ. އޭގެ ސަބަބުން 26 މީހަކަށް އަނިޔާވެ، އޭގެ ތެރެއިން 15 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ވެއްޓުނު ފާރަކީ ކާތަކެތި ކައިރީގައި ބަހައްޓާފައި ހުރި ކާރެވެ. ފުލުހުން ބުނި ގޮތުގައި 27 މީޓަރު ދިގު އަދި ހަތަރު މީޓަރު އުސް އެފާރު ވެއްޓުނީ ޓިނުން ހަދާފައިވާ ގެޔާ އެއްކޮށެވެ.

އެހާދިސާ ހިނގީ އިހުމާލުވުމުގެ ސަބަބުންތޯ ބެލުމަށް ފުލުހުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. އެތަހުގީގުގެ ދަށުން ކައިވެނި ބޭއްވި ތަނުގެ މެނޭޖަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. (ބީބީސީ)