ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖެއް ކަމަށްވާ، ވިލާ ކޮލެޖުން ހިންގާ މަތީ ތައުލީމުގެ ތަފާތު ކޯސްތައް އއ. އުކުޅަހުގައި ފެށުމަށް ހަމަޖައްސައިފި އެވެ.

އެކަމާގުޅޭ އެއްބަސްވުމުގައި އުކުޅަހު ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އުކުޅަހު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބެވެ.

ވިލާ ކޮލެޖުން ބުނީ، އެކޮލެޖުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަންނަ ސެޕްޓެމްބަރު މަހު އުކުޅަހުގައި ކޯސްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވާން ފަށާފައިވާ ކަމަށެވެ.

ކެމްޕަހެއްގެ ގޮތުގައި ތަރައްގީ ކުރާ އެތަނުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

އަދި ކޯސްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި އއ. އުކުޅަހާއި ކައިރި އެހެން ރަށްރަށްރަށަށް ވިލާ ކޮލެޖާއި އުކުޅަހު ކައުންސިލްގެ އިދާރާގެ ބޭފުޅުން ދަތުރުކުރަން ފަށާނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުގެ ދެ ކެމްޕަހެއް އައްޑޫގައި ގާއިމްކޮށްފައިވާ އިރު، ފުވައްމުލައް، އދ. މަހިބަދޫ، ބ. އޭދަފުށި، ޅ. ނައިފަރު އަދި ށ. ފުނަދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި އެ ކޮލެޖުގެ ކެމްޕަސްތައް ގާއިމްކޮށްފައިވާ އިރު، ލާނިންސެންޓަރުތަކާ އެކު ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާލޭގެ އިތުރުން ރާއްޖޭގެ 16 ސަރަހައްދެއްގައި ކުރިއަށް ގެންދެ އެވެ.