މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، އެހެން ކްލަބަކަށް ދާން އަދި ނުވިސްނާ ކަމަށް އެ ކްލަބުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

މިސީޒަން ނިމުމަކާ ކައިރިވެފައިވާ އިރު، ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިސީޒަންގެ ޕްރިމިއާ ލީގުގައި، ޔުނައިޓެޑްގެ ފުރަތަމަ 11ގައި ކުޅެލަން ރޫނީއަށް ފުރުސަތު ލިބުނީ އެންމެ 12 މެޗުގަ އެވެ.

ސީޒަން ނިމުމާ އެކު، ޗައިނާގެ ކްލަބަކަށް ރޫނީ ބަދަލުވާނޭ ކަމުގެ އަޑުތައް ގަދަވަމުން ދިޔަ ނަމަވެސް، ޔުނައިޓެޑަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ 31 އަހަރުގެ ފޯވާޑް ބުނީ، އެފަދަ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި ޔުނައިޓެޑްގައި މަޑުކުރާން އޭނާ ބޭނުން ކަމަށެވެ.

"ކޮންމެ މީހަކު ވެސް ބޭނުންވާނެ ހުރިހާ މެޗެއް ވެސް ކުޅެން. އަހަރެން ޖެހޭނީ މަސައްކަތްކުރާން އަހަރެންގެ ފުރުސަތު ހޯދަން. އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް މިޓީމަށް ކޮށްދެން،" ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީގެ ދެވަނަ ލެގުގައި ސެލްޓަ ވިގޯއާ ދެކޮޅަށް މިރޭ ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ބޭއްވި ނިއުސްކޮންފަރެންސްގައި ރޫނީ ބުންޏެވެ.

"އަހަރެން މި ކްލަބަށް ކުޅޭތާ 13 އަހަރުވީ. ހަގީގަތުގައި ވެސް އަހަރެން ބޭނުން ވަނީ އަދި ވެސް ހަމަ މި ކްލަބުގައި ކުޅެން.

"އަހަންނަށް ކުޅުމުގެ ފުރުސަތު ގިނައިން ލިބުނު ވަރަކަށް އަހަންނަށް ޓީމަށް އެހީތެރިވެދެވޭލެއްވެސް ބޮޑުވާނެ."

ރޫނީ ބުނީ، ފުޓްބޯޅަ މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެހެންކަމުން، ގިނަ މެޗުތަކުގައި ކުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންނަމަވެސް، ދަނޑުމަތީން ޓީމަށް އެހީތެރި ނުވެވިއްޖެ ނަމަ ދަނޑުން ބޭރުގައި ހުރެގެންވެސް ޓީމަށް އެހީތެރިވާނޭ ކަމަށް އޭނާ ބުންޏެވެ.