11 Jul 2011, 08:25
ވޮޝިންގޓަން : ޕާކިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ ޢަސްކަރީ އެހީގެ ތެރެއިން 800 މިލިޔަން ޑޮލަރު ނުދީ ހިފަހައްޓާނެކަން އެމެރިކާ ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ވިލިޔަމް ޑެލީ ވިދާޅުވީ ޕާކިސްތާނާއި އެމެރިކާއާ ދެމެދު ބައެއް މައްސަލަތައް އެބަހުރި ކަމަށާ އެމައްސަލަތައް ޙައްލު ކުރެވެންދެން ޕާކިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ ޢަސްކަރީ ބައެއް އެހީ ނުދީ ހިފެހެއްޓުމަށް ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ ކަމުގައެވެ. ނަމަވެސް ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަކީ ކޮބައިކަން ޑެލީ ހާމައެއް ނުކުރައްވައެވެ.
ޕާކިސްތާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ބޮޑުވެގެން ދިޔައީ އުސާމާ ބިންލާދިން އަވަހާރަކޮށްލުމަށް ކަމަށްބުނެ މިދިޔަ މޭމަހުގެ ކުރީކޮޅު ޕާކިސްތާނުގެ އެތެރޭގައި އެމެރިކާ ހިންގި ޢަސްކަރީ އޮޕަރޭޝަނާ ގުޅިގެންނެވެ. މިއޮޕަރޭޝަން އެމެރިކާ ހިންގާފައިވަނީ ޕާކިސްތާނުގެ ހުއްދަ ނުހޯދައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
އެމެރިކާ ގެންދަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ދާޚިލީ މައްސަލަތަކާއި އިޤްތިސާދީ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމެރިކާގެ އެދޭކަންތައްތަކެއް ޙާސިލް ކުރުމަށް ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުން ކަމަށް ނަންހާމަކުރަންނޭދޭ ޕާކިސްތާނުގެ މަސްއޫލުވެރިއަކު ތުހުމަތު ކުރައްވާފައިވެއެވެ.
އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޕާކިސްތާނަށް ޙަމަލާދީ އެތަށް ބަޔަކު މަރަމުން ގެންދާ މައްސަލާގައާއި ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ އިޙްތިރާމް ނުކުރާ މައްސަލާގައި ޕާކިސްތާނުގެ ރައްޔިތުންވަނީ އެމެރިކާދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވަނީ އެމެރިކާއާ މާބޮޑަށް ގާތްވުމަކީ ޕާކިސްތާނުގެ ޢާންމުންގެ ތާއީދު ސަރުކާރަށް ގެއްލިގެންދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއާ ގުޅުންތައް މާބޮޑަށް ބަދަހި ކުރުމަކީ ޕާކިސްތާނުގެ ވެރިންގެ ސިޔާސީ މުސްތަޤްބަލް ބަނަވެދާނެ ކަމެއްކަމަށް ޕާކިސްތާނުގައި ވެރިކަން ކުރާ ޕީޕަލްސް ޕާޓީގެ އިސްބޭފުޅަކުވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ. -- ރޮއިޓާސް، އަލްޖަޒީރާ