އަލުން ޕްރިމިއާލީގަށް ކޮލިފައިވެފައިވާ ނިއުކާސަލް، އެ މުބާރާތާ ކުރިމަތިލާއިރު ވަރުގަދަ ސްކޮޑެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދޭނެ ކަމަށާއި އެންމެ ފަހު ލާރިއާ ޖެހެންދެންވެސް ހަރަދުކުރާނެ ކަމަށް އެ ކުލަބުގެ ވެރިޔާ މައިކް އޭޝްލީބުނެފިއެވެ.

މީގެ ކުރިން ލިވަޕޫލް އަދި ޗެލްސީ ފަދަ ޓީމްތަކަށް ކޯޗްކަން ކޮށްދީފައިވާ ރަފައެލް ބެނިޓޭޒްގެ ބެލުމުގެ ދަށުން މި އަހަރުގެ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ޕްރިމިއާލީގަށް ކޮލިފައިވެފައިވާ ޓިމުގެ މުސްތަގުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެ ކުލަބުގެ ވެރިޔާ ބުނެފައިވަނީ ވަރުގަދަ ޓީމެއް ބިނާ ކުރުމަށް ބެނިޓޭޒް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ހޯދައިދޭނެ ކަމަށާއި އެކަމަށްޓަކައި "އެންމެ ފަހު ލާރި" ވެސް ހޭދަކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ބެނިޓޭޒާއެކު ނިއުކާސަލްގެ ވެރިޔާ މައިކް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ބުނެފައިވަނީ އައު ކުޅުންތެރީން ގެނައުމަށްޓަކައި 100 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް އެ ކުލަބުން ހޭދަ ކުރާނެ ކަމަށާއި އެ ޔަގީންކަން ބެނިޓޭޒަށް އަރުވާ ކަމަށެވެ.

މައިކްއާ އެކު ދެކެވުނު ވާހަކަތަކަށްފަހު ބެނިޓޭޒް ބުނީ އެ މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަންނަ ހޫނު މޫސުމުގައި އޭނާގެ ޓީމު ގޮވައިގެން ފަށަން އުޅޭ ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަމަށެވެ. ނަމަވެސް ނިއުކާސަލްގެ ވެރިޔާ ދެއްވި ޔަގީން ކަމާ އެކު އައު ސީޒަނަށް ތައްޔާރުވުމަށް ވަރުގަދަ ހިތްވަރެއް ލިބިގެން ހިނަގެއްޖެ ކަމަށެވެ.

ވޭތުވެދިޔަ އަހަރު ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް އެޓީމުން ވަނީ 50 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ.

ނިއުކާސަލްއިން ޗެމްޕިއަންޝިޕްގެ ތަށި ހޯދީ ބާންސްލީ އަތުން3-0 ގެ ނަތީޖާއިން މޮޅުވެގެންނެވެ.