ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް"ގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް،ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފިއެވެ.

އާ ބަދަލާއެކު 2026ގެ ވޯލްކަޕްގައި ރާއްޖެ ހިމެނޭ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)އަށްވެސް މަދުވެގެން އަށް ޖާގަ ލިބޭނެއެވެ.

ވޯލްޑް ކަޕްގައި ޓީމުތައް ބައިވެރިކުރާ އަދަދު އިތުރުކުރުމަށް، ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯއާއި ފީފާގެ ހަ ކޮން ކޮންފެޑެރޭޝަންގެ ރައީސުން ހިމެނޭ ފީފާ ކައުންސިލް ބިއުރޯއިން ފާސްކޮށް، ތަސްދީގުރީ، އަންގާރަ ދުވަހު ބަހުރެއިންގެ މަނާމާގައި ބޭއްވި ފީފާގެ 67 ވަނަ ކޮންގްރެސްގައެވެ.

އަލަށް ގެނައި ބަދަލާއެކު އޭޝިއާއަށް ވެސް އަދި ޔޫރަޕް ފިޔަވައި ބާކީ ފަސް ކޮންފެޑެރޭޝަންއަށް ވެސް އިތުރު ޖާގައެއް ލިބުމުގެ ފުރުސަތު އޮވެއެވެ.

މިހާރު އޮތްގޮތުން އޭޝިއާއަށް 8 ޖާގަ ކަށަވަރުވާއިރު، ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ (211 މެންބަރުން) ހަތަރުބައިކުޅަ އެއްބައި (54 މެންބަރުން) ހިއްސާކުރާ އެފްރިކާއަށް 9 ޖާގަ ކަށަވަރެވެ.

ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެންމެ ގިނަ ޖާގަ ލިބެނީ ޔޫރަޕަށެވެ. އެ ބައްރަށް 16 ޖާގަ ދީފައިވާއިރު، ދެން އޮތް ފަސް ކޮންފެޑެރޭޝަންގެ ކޮންމެ ކޮންފެޑެރޭޝަނަކަށްވެސް މިހާރު ކަށަވަރު ވެފައިވާ ޖާގަތަކުގެ އިތުރުން، ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެއީ، ކޮލިފައިންގެ ފަހު ދެ ޖާގަ ކަށަވަރުކުރުމަށް ބާއްވާ، ހަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކުންނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ކޮންމެ ބައްރަކުންވެސް، މަދުވެގެން އެއްޓީމު ޕްލޭއޮފްގެ ކުރީން މުބާރާތަށް ކޮލިފައިވާނެއެވެ. ހަމައެހެންމެ ކުރިއެކޭ އެއްގޮތަށް މިހާރުވެސް މުބާރާތް ބާއްވާ ގައުމަށް އޮޓޮމެޓިކް ޖާގައެއް ލިބޭނެއެވެ.

ޖާގަތައް ބެހިފައިވާ ގޮތް

  • އޭޝިއާ 8.5 ޖާގަ (ކުރީން 4 ނުވަތަ 5)
  • އެފްރިކާ 9.5 ޖާގަ (ކުރީން 5)
  • އުތުރު، މެދުތެރޭ އެމެރިކާ އަދި ކެރީބިއަން 6.5 ޖާގަ (ކުރީން 3 ނުވަތަ 4)
  • އޯޝޭނިއާ 1.5 (ކުރީން 0 ނުވަތަ 1)
  • ދެކުނު އެމެރިކާ 6.5 ޖާގަ (ކުރީން 5 ނުވަތަ 6)
  • ޔޫރަޕް 16 ޖާގަ (ކުރީން 13 ޖާގަ)

ތަސްދީގުކުރެވުނު އާ ގަވައިދާއެކު ޔޫރަޕް ފިޔަވައި ކޮންމެ ކޮންފެޑެރޭޝަނަކުން ވެސް، އެއް ޓީމު، ފައިނަލް ޓީމަކަށް މުބާރާތް ބާއްވާ ގައުމު ހިމެނޭގޮތަށް ޕްލޭއޮފް މުބާރަތަށް ނެގޭނެއެވެ.

ދެޓީމެއް ނަގާނީ، ފީފާ ރޭންކިންއަށް ބަލައިފައެވެ. އަދި ނޮކްއައުޓް ދެ މެޗު ކުޅުމަށްފަހު ސީޑް ނުކުރާ ހަތަރު ޓީމެއް ހިމެނޭގޮތަށް ޖުމުލަ ހަ ޓީމު ޕްލޭއޮފްގައި ވާދަކުރާނެއެވެ. އެގޮތުން ޕްލޭއޮފް ކުޅޭނީ މުބާރާތް ބާއްވާ ގައުމުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރުމަކީ ފީފާގެ މިހާރުގެ ރައީސްގެ ކެމްޕޭނު ވައުދެކެވެ. އެގޮތުން ޖެނުއަރީ 10ގައި ފީފާގެ ކައުންސިލްގެ އިއްތިފާގުން ނިންމާފައި ވަނީ މުބާރާތް އިތުރަށް ފުޅާކޮށް 48 ޖާގައަށް އިތުރުކުރުމަށެވެ.