11 May 2017, 09:59
ތެގޫސިގަލްޕާ (މެއި 11): ގަސްތުގައި މީހަކު މެރުމުގެ ކުށުގައި ޖަލަށް ލާފައިވާ ހޮންޑޫރަސްގެ ގައިދީއަކު އަންހެނެއް ގޮތަށް ހެދުން އަޅައިގެން ޖަލުން ފިލަން މަސައްކަތްކޮށްފި އެވެ.
އުމުރުން 55 އަހަރުގެ ފްރާންސިސްކޯ ހެރޭރާ އާގުއެޓާ މަސައްކަތް ކުރީ ދިގު އިސްތަށިގަނޑަކާއި އައިނެއް އަޅައި، ދިގު ސްކާޓެއް ލައިގެން ޖަލަށް ޒިޔާރަތް ކުރި މީހުންނާ އެކު ނިކުމެގެންދާށެވެ. ނަމަވެސް އޭނާ ހިނގާފައި ދިޔަ ގޮތުން ގާޑުންގެ ސަމާލުކަން ލިބި، އޭނާއާ ސުވާލު ކުރުމުން އެއީ ފިރިހެނެއް ކަން އެނގުނެވެ.
ޖަލުން ފިލައިގެން ދިޔުމަށް ޓަކައި އާގުއެޓާ ވަނީ މޭކަޕްކޮށް، ނިޔަފަތީގައި ވެސް ކުލަ ޖައްސާފައި ކަމަށް ޖަލުގެ އޮފިޝަލުން ބުންޏެވެ. އަދި އޭނާ ބޭނުން ކުރީ މީގެ ކުރިން ޖަލަށް ޒިޔާރަތް ކުރި އަންހެނަކު ގާޑުންނާ ހަވާލު ކުރި އައިޑީ ކާޑެއް ކަމަށް އޮފިޝަލުން ބުންޏެވެ.
ސެޕްޓެމްބަރު 2015ގައި ޖަލަށް ހުކުމްކޮށްފައިވާ އާގުއެޓާ ޖަލުން ފިލަން މަސައްކަތް ކުރުމުގެ ސަބަބުން އޭނާގެ ޖަލު ހުކުމް އިތުރު ކުރާނެ ކަމަށާއި، ހޮންޑޫރަސްގައި ހުންނަ އެންމެ ނުރައްކާތެރި ޖަލު ކަމަށްވާ އެލް ޕޯޒޯ ޖަލަށް އެނާ ބަދަލު ކުރުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުންޏެވެ. (ބީބީސީ)