11 May 2017, 08:47
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ގެއްލިގެން ދިޔަ ވޯޓުތަކަކީ، އާއިލީ ސަބަބުތަކަށްޓަކައި ގެއްލުނު ވޯޓު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމްގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ޕީޕީއެމް، އެމްޑީއޭ ކޯލިޝަން ނޫން އެހެން ފަރާތްތަކަށް ލިބުނު ވޯޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ނެތިގެން ގެއްލުނު ވޯޓެއް ނޫން ކަމަށެވެ.
ސަރުކާރު ކޯލިޝަން ނޫން އެހެން ޕާޓީތަކަށް ވޯޓު ދިން ރަށްރަށުގައިވެސް ވަރަށް ބޮޑަށް ރައީސް ޔާމީނަށް ތާއީދު އޮތް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
"އަަޅުގަނޑަށް އެނގޭ އެއަތޮޅުގަ ބައެއް ރަށްރަށުގަ މިގޮތަށް ވޯޓު ދިޔަ ރަށްރަށުގަ ހަމަ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ތާއީދު އޮތް. މިސަރުކާރަށް ތާއީދު އޮތް ރަށްރަށުގައިވެސް އެބަހުރި އާއިލީ، ސަބަބުތަކާ ހުރެ ވޯޓު ހަމަ އެހެން ގޮތްގޮތަށް ގޮސްފަ. މީ ހަގީގަތް،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝައިނީ ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުކުމެވެން ނެތް ކަމަށެވެ. އަދި އިދިކޮޅުން ނުކުންނަން ހުރީ އިބްރާހީމް އަލީ ސޯލިހް (އިބޫ) ކަމަށާއި، އޭނާވެސް ފެއިލް ވެފައިވާ ކަމަށެވެ.
"އެބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސްކޮށް އުޅުއްވަނީ އިބޫ. އިބޫގެ ދާއިރާއިން އިބޫ ބަލިވެއްޖެ. ދެން އެ ނުކުންނަން ހުރި މީހާވެސް ނެތް ނުކުމެވޭ ކަށެއް،" މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ލިބުނީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
10 މެއި 2017: ސަރުކާރު ހިންގާ ކޯލިޝަނުގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން އެމްޑީއޭ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ރަފިއްޔާ ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ެއެ ޖަލްސާގައި ބައެއް މަޖިލިސް މެމްބަރުންނާއި، އެމްޑީއޭއާއި ޕީޕީއެމްގެ އިސްފަރާތްތަކުގެ އިތުރުން ގިނަ މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުން ވަނީ ރައީސް ޔާމީން ބަަލައިގެންފައި ކަމަށާއި، ރައީސް ޔާމީން ގެންނަމުންދާ ތަރައްގީއާ މެދު ރައްޔިތުން ތިބީ އުފަލުން ކަމުގައިވަނީ ވިދާޅުވެފައެވެ. އަދި 2018ގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެ ކަމަށާއި، އެ ބޭފުޅުން ރައީސް ޔާމީނާ އެކު ތިއްބެވިކަން ވަނީ ހާމަކުރައްވައިފައެވެ.