11 May 2017, 08:40
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޖޭޖޭ ސްޕޯޓްސް ކްލަބު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ކްލަބު ޒެފްރޯލް ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ޖޭޖޭ ސްޕޯޓްސްގެ މައްޗަށް ޒެފްރޯލް ކުރި ހޯދީ 5-3 ލަނޑުގެ ނަތީޖާއަކުންނެވެ. ޒެފްރޯލް ވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވެސް ކުޅެފައެވެ. އެ މެޗުން ޒެފްރޯލް ބަލިވެފައިވަނީ މިހާރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓްސް އަތުންނެވެ.
ރޭ ކުޅުނު މެޗު ފެށިތާ މާގިނައިރުތަކެއް ނުވެ، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަކުން ފެނުނު ބިދޭސީ ފޯވަޑް އަބޫ ޑެސްމޮންޑް މަންސާރޭ ވަނީ ޒެފްރޯލަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ޖޭޖޭއަށް ޖެސްޕާ ވިލިއަމް އެންޖެލް ފްލެކްނާ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 24 ވަނަ މިނެޓުގައި އަހްމަދު ނިޝާން ވަނީ ޒެފްރޯލަށް އަލުން ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ނިޝާން ޒެފްރޯލަށް ލީޑު ފުޅާކޮށްދިން ނަމަވެސް، މެޗުގެ 60 ވަނަ މިނެޓުގައި ޖޭޖޭގެ އިސްމާއިލް މަމްދޫހު ޖެހި ލަނޑާއި 70 ވަނަ މިނެޓުގައި އެޓީމުގެ ޖެސްޕާ ޖެހި ލަނޑުން ނަތީޖާ ހަމަހަމަވެގެންދިޔައެވެ. މެޗުގައި އަލުން ޒެފްރޯލަށް ލީޑު ލިބިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓުގައި ޖޭޖޭގެ ޖެސްޕާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ޒެފްރޯލަށް ދެ ލަނޑުގެ ލީޑެއް ހޯދައިދިނީ އިބްރާހިމް ޝާތިރެވެ.
އަންނަ އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ ފައިނަލުގައި ޒެފްރޯލް ނުކުންނަން ޖެހޭނީ ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. ކުޑަހެންވޭރުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވީކޭ ސްޕޯޓްސް ބަލިކޮށްގެންނެވެ. މިއަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދި ޒެފްރޯލާއި ކުޑަހެންވޭރަށް މާލޭ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބިގެންދާނެއެވެ.