11 May 2017, 01:27
ރާއްޖެ ތަރައްގީ ކުރުމަށް އެމްޑީޕީގެ ކައުންސިލަރުންގެ އެއްބާރުލުން ބޭނުން ނުވާ ކަމަށާއި ރާއްޖެ ތަރައްގީ ކުރާނީ އެމްޑީޕީގެ އަތުގައި ކައުންސިލްތައް ބާއްވައިގެން ކަަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ސިލްސިލާ ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން، އެމްޑީއޭގެ ޖަގަހަގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ރޭ ވިދާޅުވީ، ސަރުކާރަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެ އުނދަގޫތައް ކުރިމަތި ކުރުވަނީ އެމްޑީޕީން ކަމަށެވެ.
މައުރޫފް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނައީ އެމްޑީޕީ އަތުގައި ކައުންސިލްތައް ބާއްވައިގެން ކަމަށެވެ. އަދި ދެންވެސް ތަރައްގީ ގެންނާނީ ކައުންސިލްތައް އެމްޑީޕީ އަތުގައި ބާއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ދައްޗެއް ނޫން އެބޭފުޅުންގެ ކައުންސިލަރުން ބޯވަ ނަގަން ދުރުވޭ. މައްސަލައެއް ނެތް ވަޑައިގަންނަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން އެމްޑީޕީގެ ކައުންސިލަރުންގެ އެއްބާރުލުމެއް މިސަރުކާރަކަށް،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، ރައްޔިތުން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލައިގެންފައި ކަމަށެވެ. އަދި ރައީސް ޔާމީން ވަރުގެ ކުޅަދާނަ ވެރިިއެއް ގައުމެއް ތަރައްގީ ކުރަން ނެތް ކަމަށް ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފުގެ ވާހަކަފުޅުގައި 2018 ވަނަ އަހަރު ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކަރަންޓާއި ފެންބިލުގެ އިތުރުން އެހެނިހެން ބިލުތައް ވެސް ކުޑަވެ، ރައްޔިތުންނަށް ލުއިކޮށްދޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ސިލްސިލާ ޖަލްސާތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ފެށި ޖަލްސާގައި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.