މިއަދު މާލެއަށް ކުރި ވިއްސާރާގައި ސިވިލް ކޯޓުގެ ފުރާޅުން ފެން ފޭބައި ބޮޑެތި ގެއްލުންތަކެއްވެ، އެ ކޯޓުގެ ބައެއް ސެކްޝަންތަކުގެ ޝަރީއަތްތައް މެދު ކަނޑާލައިފި އެވެ.

ސިވިލް ކޯޓުގެ ވެބްސައިޓުގައި ބުނެފައި ވަނީ ވިއްސާރާގައި އެ ކޯޓުގެ ފުރާޅުން ޝަރީއަތްކުރާ މާލަމްތަކަށާއި ސެކްޝަންތަކަށް ފެން ފޭބުމުން ފެން ބޮޑުވި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް އިލެކްޓްރޯނިކް ސާމާނުތަކަށާއި ލިޔެކިޔުންތަކާއި ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާތީ، ޝަރީއަތް ކުރާ ބައެއް ސެކްޝަންތަކާއި އިދާރީ ބައެއް ސެކްޝަންތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ޖަސްޓިސް ބިލްޑިންގައި ހިންގާ ސިވިލް ކޯޓުގެ އެ ސެކްޝަންތަކުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނީ ލިބުނު ގެއްލުންތައް ރަނގަޅުކޮށްގެން ކަމަށްވާތީ ކޯޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެކަން އަންގާ ކަމަށް އެ އިއުލާނުގައިވެއެވެ.