11 May 2017, 00:10
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާ ކުންފުނިތަކާ އެކު މިރޭ ސޮއިކޮށްފިއެވެ.
ޓީޓީއެމް ފެއާގައި ތިން ގިންތިއަކުން 11 ޕާޓްނަރަކު ވަނީ ހަމަޖެހިފައެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، ޓީޓީއެމްގެ 11 ޕާޓްނަރުންނާ އެކު ސޮއިކުރިއެވެ.
ޓީޓީއެމްގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.
ގޯލްޑް ޕާޓްނަރުންގެ ގޮތުގައި މިރޭ ހަމަޖެހިގެން ދިޔައީ ދިރާގު، އެމްޓީސީސީ އަދި އެސްޓީއޯއެވެ.
ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އަލްޝާލީ މެރިން، މޯލްޑިވް ގޭސް، މޯހަން މުތާ އެކްސްޕޯޓްސް، އެމްޑަބްލިއުއެސްސީ، އެމްއޭސީއެލް، އެމް7 ޕްރިންޓްސް އަދި އިވެންޓް މޯލްޑިވްސްއެވެ.
ޓީޓީއެމް ފެއާގެ ޕާޓްނަރުންނާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ ޔާމިން ސައީދު
މޯލްޑިވްސް ގެޓްއަވޭސްއިން ޓީޓީއެމް ފެއާ ބާއްވަނީ އެމްއެމްޕީއާރުސީ، މާޓާޓޯ އަދި މަޓީގެ އެންޑޯޒްމަންޓާ އެކުގައެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ގެޓްއަވޭސްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ޓީޓީއެމް ފެއާގައި ރާއްޖެއާއި ދުނިޔޭގެ މަޝްހޫރު، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި އެހެނިހެން ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.
"މި ހަރަކާތްތަކުގެ މަގުސަދަކީ 2020 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަދި އެ އަހަރާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އެރުވުން. މި ލަނޑުދަނޑި ހާސިލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ،" ސަނީ ވިދާޅުވިއެވެ.
ޖުލައި 12 އަދި 13 ވަނަ ދުވަހު ކުރިޔަށްދާ މި ފެއާގައި ހިނގާ ހަރަކާތްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އަދި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ފަރާތްތަކުން ކަންކަމާ މެދު މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވީ "ބީއެމްއެލް ހޮޓަލިއާ ސަމިޓު"، ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް "ޓޫރިޒަމް ކެރިއާ ފެއާ"، އަދި ޕެސިފިކް އޭޝިއާ ޓޫރިޒަމް އެސޯސިއޭޝަން (ޕާޓާ)އާ މަޓާޓޯ ގުޅިގެން ބާއްވާ ޕާޓާ އެކެޑެމީ ހިމެނެއެވެ.
މީގެ އިތުރުން، ޓީޓީއެމް ނިންމާލުމުގެ ގޮތުން އަދާރަން ހުދުރަންފުށި ރިސޯޓުގައި ގާލާ ނައިޓެއް ބާއްވާ އިރު، އެ ރަސްމިއްޔާތުގައި، މާޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޚާއްސަ އެޑިޝަނެއް ބާއްވާނެއެވެ. އެ އެޑިޝަނަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު، ފާހަގަކޮށްލެވޭ ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ "ޕީޕަލްސް އެޑިޝަން" އެވެ.