10 Jul 2011, 22:52
ހަކަތައިގެ ވިޔަފާރި ފުޅާކުރުމާއި ކާބަން މަދުކުރުމު ގައި އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން ބާއްވާ ސަރަހައްދީ ބައްދަލުވުމެއް މާދަމާ ފަށައި ގޮތަށް ހަމަޖައްސައިފި އެވެ.
ޔޫ.އެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް )ޔޫ.އެސް އެއިޑް( ގެ މަލީ އެހީ ތެރިކަމާއި އެކު ޔުނައިޓެޑް ސްޓޭޓްސް އެނަޖީ އެސޯސިއޭޝަނާއި ސްޓެލްކޯ ގުޅިގެން ބާއްވާ މި ބައްދަލުވުމުގައި ދެކުނު އޭޝިޔާގެ ގައުމު ތަކުގެ މެދުގައި ހަކަތައިގެ ވިޔަފާރި ފުޅާކޮށް، ކަރަންޓްގެ ހަކަތަ އުފެއްދުމުގައި މޫސުމަށް ނޭދެވޭ އަސަރުކުރާ މިންވަރު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އެގޮތުން ކާބަން މަދުކުރުމަށް ޓަކައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމާއި، އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތުގައި ހަކަތަ ބޭނުން ކުރުމާއި، ހަކަތަ އިސްރާފުވުން ކުޑަކުރުމާއި ހަކަތަ ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ބާރު އަޅައި އަދި ސަރަހައްދީ އެއްބާރުލުމުގެ ތެރެއިން ހަކަތައިގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މިއީ ސަރަހައްދީ ގައުމުތަކުގެ ބައިވެރިންގެ މެދުގައި ބޭއްވޭ މަސައްކަތު ބައްދަލު ވުމެއްކަމުން، ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ދިއުމަށް އެކަށައަޅާފައިވާ ގައުމީ ލަނޑުދަނޑިއަށް ވާސިލްވުމުގައި ފަންނީ ގޮތުން އަދި ވިޔަފާރީގެ ގޮތުން ހުޅުވާލެވިދާނެ ފުރުސަތުތަކުގެ ތެރެއިން ވަރަށް ބޮޑެތި ފައިދާ ތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މި މަސައްކަތް ބައްދަލުވުމުގައި އިންޑިޔާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަނގުލަދޭޝް، އަފްޣާނިސްތާން، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މިސިނާއަތު ގައި މަސައްކަތްކުރާ ފަރާތްތަކާއި ގައުމުތަކުގެ ކަމާގުޅޭ ފަރާތް ތައް ބައިވެރިވާނެ އެވެ.