އިޓަލީގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިންޓަމިލާންގެ ހެޑްކޯޗު ސްޓެފާނޯ ޕިއޯލީ އެ މަގާމުން ވަކިކޮށްފިއެވެ.

ޕިއޯލީއަކީ މި ސީޒަންގައި އިންޓައާ ހަވާލުވި ތިންވަނަ ކޯޗެވެ. މީގެ ހަ މަސްދުވަސް ކުރީން އޭނާ އެމަގާމާ ހަވާލުވީ، ކުރީން ހުރި ކޯޗު ރޮބާޓޯ މަންޗިނީގެ ބަދަލުގައި އެ ކްލަބާ ހަވާލުވި ފްރޭންކް ޑިބުއާ ކޯޗުކަމުން ދުރުކުރުމުންނެވެ.

ޕިއޯލީގެ އިރުޝާދުގެ އިޓާލިއަން ލީގުގައި އިންޓަރ މިހާތަނަށް ކުޅުނު ޖުމުލަ 35 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ހަތްވަނައިގައި އޮވެ، އެޓީމު ދަނީ ޔޫރަޕްގެ ޖާގައެއް ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

ޗެމްޕިއަންސް ލީގު ނުވަތަ ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމަށް އެޓީމަށް ވާދަކުރާން މިހާރު ޖެހިފައިވަނީ، އެންމެ ވާދަވެރި ސިޓީ ރައިވަލް އޭސީ މިލާންގެ އިތުރުން، ފިއޮރެންޓީނާއާ އެވެ. އެހެންކަމުން ޕިއޯލީ ކޯޗުކަމުން ދުރުކުރުކުރާން ޖެހުނު ސަބަބެއްގެ ގޮތުގައި އިންޓައިން ބުނަނީ މި ސީޒަންގެ މިހާތަނަށް އައިއިރު ޓީމު އޮތް ދަތިހާލެވެ.

"ވޭތުވެދިޔަ ހައެއްކަ މަސްދުވަހަކީ މި ކްލަބަށް އުނދަގޫ ސީޒަނެއްގެ ގޮތުގައި އެނގިގެން ދިޔަނަމަވެސް، އިންޓައާއެކު ސްޓެފާނޯ ކުރި ބުރަ މައްސައްކަތަށް ވަރަށް ބޮޑަށް ކްލަބުން ޝުކުރު އަދާކުރަން" އިންޓަގެ ބަޔާނުގައި ވެއެވެ.

މި ސީޒަންގެ އިޓާލިއަން ލީގުގައި އިންޓަރއަށް ބާކީ ތިން މެޗު އޮތްއިރު، ހެޑްކޯޗަކު ހަމަޖެހެންދެން ކްލަބަށް އިރުޝާދުދޭނީ ޔޫތު ޓީމުގެ ކޯޗު ސްޓެފާނޯ ވެއްޗީއެވެ.

އިންޓައިން ބުނީ، މިހާރު އެކްލަބުން ދަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓައިން މިހާރު ދަނީ، ހަފްތާގެ އުޖޫރައެއްގެ ގޮތުގައި 250,000 ޕައުންޑުގެ ހުށަހެޅުމެއްގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެނައުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މި ދެޓީމުން ކުރެޓީމަކުން މިހާތަނަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.