10 May 2017, 17:59
ގުދުސް (މެއި 10): އިސްރާއީލުގައި ހުންނަ ޕިއްޒާ ހަޓުގެ ބްރާންޗުން ސޯޝަލް މީޑިއާއަށް ދޫކޮށްލި އިޝްތިހާރަކުން އެ ގައުމުގެ ޖަލުތަކުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާ ފަލަސްތީނުގެ ގައިދީންނަށް މަލާމާތްކޮށްފި އެވެ.
ޕިއްޒާ ހަޓުގެ އިސްރާއީލް ބްރާންޗުގެ ފޭސްބުކް ޕޭޖުގައި ޝެއާކޮށްފައިވާ ފޮޓޯއަކުން ފެނިގެން ދަނީ އެގައުމުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދާ ހަޅުތާލުގައި އެންމެ އިސްކޮށް އުޅުއްވާ މަރުވާން ބާގޫތީގެ ޖަލު ގޮޅި އެވެ.
އެފޮޓޯއަކީ އެންމެ ފުރަތަމަ އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން އާއްމު ކުރި ފޮޓޯއެކެވެ. އެއިދާރާއިން ބުނި ގޮތުގައި ފޮޓޯއިން ފެނިގެންދަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށިފަހުން ބާގޫތީ ކެއިންބައްލަވާ މަންޒަރެވެ.
އެފޮޓޯއަށް ޕިއްޒާ ހަޓުގެ ޕިއްޒާ ފޮއްޓެއް ފޮޓޯޝޮޕް ކުރުމަށް ފަހު، އެކުންފުނިން ވަނީ އިޝްތިހާރެއްގެ ގޮތުގައި ފޮޓޯ ޝެއާކޮށްފަ އެވެ. އަދި "ބާގޫތީ ހަޅުތާލު ހުއްޓާލަނީ ނަމަ، ޕިއްޒާ ކާންވީ ނޫންތޯ' ބުނެ، ކެޕްޝަން ޖަހާފަ އެވެ.
ޕިއްޒާ ހަޓުގެ އެ އިޝްތިހާރާ ގުޅިގެން ފަލަސްތީނާއި ދުނިޔޭގެ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، އެކުންފުނި ބޯއިކޮޓް ކުރަން ގޮވާލާފަ އެވެ.
އޭގެ ސަބަބުން ޕިއްޒާ ހަޓް އިސްރާއީލް އިން ވަނީ އެއިޝްތިހާރު ޑިލިޓްކޮށްފަ އެވެ. އަދި ޕިއްޒާ ހަޓުގެ ރަސްމީ ޕޭޖުގައި ވަނީ އެ އިޝްތިހާރަށް މާފަށް އެދި، އޭގެއިން ކުންފުނީގެ ގަބޫލު ކުރުންތައް ރަމްޒުކޮށްނުދޭ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ގައިދީން ހަޅުތާލަށް ތާއިދު ކުރާ ފަލަސްތީނުގެ ކޮމިޓީއަކުން ބުނި ގޮތުގައި އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން އާއްމު ކުރި ފޮޓޯއަކީ 2004 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެކެވެ. އަދި އިސްރާއީލުން ދަނީ ދޮގު ވާހަކަ ފަތުރައި 'ފިކުރީ ހަނގުރާމައެއް' ފައްޓަން މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.
ބާގޫތީ އާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އިތުރު 1،500 ގައިދީން، އެޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި ހަލުތާލު ކުރަން ފެށީ މިދިޔަ މަހުގެ 27ގައި އެވެ. (އަލްޖަޒީރާ)