ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ އުފާވެރި މުނާސަބަތުގައި އެލައިޑް އިންޝުއަރަންސުން، "ފިޔަވަތީ“ގައި ދިރިއުޅޭ ކުދިންނަށް 30،000 ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފިއެވެ.

އެެލައިޑުގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޔަވައްޗަށް ހަދިޔާކުރި ތަކެތި ހަވާލުކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލުއެވެ. ފިޔަވަތީގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގަތީ ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާއެވެ.

ޖެެންޑަރ މިނިސްޓްރީން، ހުޅުމާލޭގައި ހިންގަމުންދާ ކުޑަކުދިންގެ ހިޔާ؛ "ފިޔަވަތި" އަށް އެލައިޑް އިންޝުއަރަންސުން ހަދިޔާކޮށްފައިވަނީ ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ބަދިގެ ސާމާނު އަދި އިލެކްޓްރޯނިކްސްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީލް ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބުނުކަމަށްޓަކައި އުފާކުރައްވާ ކަމަށާއި އެކަން ފަހި ކޮށްދެއްވިކަމަށްޓަކައި ފިޔަވަތީގެ އިސް ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ.

އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ އެހެން ކުންފުނިތަކުންވެސް މުޖްތަމައުގެ އެހީއަށް ބޭނުންވެފައިވާ އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމީ ޒިންމާއެއް ކަމުގައި ބައްލަވައިގެން މަސައްކަތް ކުރެއްވުމަށްވެސް އަމީލް އިލްތިމާސް ކުރެއްވި އެވެ.