އޮސްޓްރޭލިއާގައި ބާއްވާ އޮސްޓްރޭލިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެއިޑް)ގައި ރާއްޖޭގެ ކަނޑުއަޑީގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޓާޓޯއިން މިއަހަރު ދިއުމަށް ނިންމައިފިއެވެ. މި އެކްސްޕޯ އޮންނާނީ އޯގަސްޓް ތިނަކުން ހަތަކަށް، އޮސްޓްރޭލިއާގެ ސިޑްނީގައެވެ.

މަޓާޓޯއިން ބުނީ، މި ފެއާގައި މަޓާޓޯއާ އެކު ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، އެކަމަށް އެދޭ ފޯމު ފުރައި، އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަނާއި ފީ ފޮނުވުމަށް މަޓާޓޯއިން އެދެއެވެ.

ދެހާސް ސާދަވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގައި ބާއްވަމުން އަންނަ ޑައިވް އެކްސްޕޯއަކީ ޑައިވަރުންނާއި، ކަނޑުއަޑީގެ ދިރުންތަކާ މެދު ޝައުގުވެރިވާ ފަރާތްތަކަށް ދުނިޔޭގެ އެކި ތަންތަނުގައި ހުރި ފުރުސަތުތަކާއި، އާ ޓެކްނޮލޮޖީއާއި، ކަނޑުއަޑީގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ފެއާއެކެވެ.

ޑައިވަރުންގެ އިތުރުން، ޑައިވިންގް އިންޑަސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގައިވެސް ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން މި ފެއާގައި ބައިވެރިވާނެއެވެ.

މި ފެއާ ބާއްވަނީ ސިޑްނީގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.