ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ހެދިފައިވާ ގާނޫނާއި ނިޒާމް މިހާރަށް ވުރެ ހަރުދަނާކުރުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް އެޗްއާރުސީއެމް އިން ގޮވާލައިފި އެވެ.

ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންނަށް ލިބޭ އަނިޔާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި މީޑިއާ އިން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް، ކުޑަކުދިންނާ މެދު އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތަކާއި އެކުދިންނާ މެދު އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، ވީ އެންމެ އަވަހަކަށް އިންސާފު ގާއިމުކުރުމަށެވެ.

އެގޮތުން 2016 ވަނަ އަހަރަށް ބަލާ އިރު އެކޮމިޝަނަށް އެންމެ ގިނައިން މައްސަލަ ހުށައަޅާފައިވާ ތިން ދާއިރާގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމް އިން ބަޔާނެއް ނެރެފި--- ގޫގަލް ފޮޓޯ

އަދި މިވަގުތު އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ކަން ވެސް އެ ކޮމޮޝަނުން ފާހަގަކުރައްވާފައިވެ އެވެ.

އެގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ދައުލަތުގެ ފަރާތުން ކުދިންނަށް ލިބެން ޖެހޭ ހާއްސަ ރައްކާތެރިކަން އެކަށީގެންވާ ފެންވަރެއްގައި ނުލިބޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި އާއިލާގެ މެންބަރުންގެ ފަރާތުން އަނިޔާލިބިފައިވާ މައްސަލަތަކާއި ހަޟާނާތުގެ މައްސަލަތަކާއި މުޖްތަމައުގެ ފަރާތުން ކުއްޖާއަށް އިހުމާލުވެފައިވާ މައްސަލަތައް ހިމެނެ އެވެ.

އަދި އެހެނިހެން މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކަށް ބަލާ އިރު، ސްކޫލް މާހައުލާއި އެނޫން ތަންތަނުން ކުޑަކުދިންނަށް ދިމާވާ ގޯނާގެ މައްސަލަތަކާއި ކުށްތަކަށް އަރައިގަތުމުގައި ނިވާފަތްގަޑެއްގެ ގޮތުގައި ކުޑަކުދިން ބޭނުންކުރާ މައްސަލަތައް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގެވާމީ މުއާހަދާގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ޓަކައި އެކުދިންގެ ދިރިހުރުމާއި ހެދިބޮޑުވުމާއި ރައްކާތެރި ކަމަށް އިސްކަންދިނުމަށާއި ކުދިންނާގުޅޭ ކަންކަން ނިންމުމުގައި އެކުދިންގެ ހިޔާލު ހޯދައި، އެކަންކަމުގައި ބައިވެރިކުރުމަށް ބާރުއަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ހާނީއްކަކޮށް ޖިންސީ ގޮތުން އަނިޔާކޮށް، އެއްވެސްގޮތަކުން ތަފާތުކޮށް، އެކަށީގެންނުވާ އިގްތިސާދީ، އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް، އެމީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކު ވެސް މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.