ކޮރަޕްޝަން މައްސަލަތައް ބަލައި އަވަހަށް ފިޔަވަޅު އެޅިއްޖެ ނަމަ އެކަމުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އެންޓި ކަރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް މިއަދު ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް މަސަތްކަތް ކުރަނީ ގުޅިގެން ކަމަށާއި އެފަދަ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގައި އަވަސްކަމާ އެކު ފިޔަވަޅު އެޅިއްޖެ ނަމަ ކޮރަޕްޝަންގެ ގެއްލުން އެތައް ގުނައަކުން އަޅުގަނޑުމެނަށް ކުޑަކުރެވޭނެ ކަމީ އަޅުގަނޑުމެން އެއްވެސް ބަޔަކު ދެކޮޅު ހަދާނެ ވާހަކައެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.

އޭސީސީގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ...

ނައިބް ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތައް ބަލައި ފިޔަވަޅު އެޅުމުގައި ޖިނާއީ އަދުލުގެ ނިޒާމް ޒަމާނާއެއް ގޮތަށް ބައްޓަން ކުރަން ޖެހޭ ކަމަށާއި އެކަމަށް ގާނޫނީ ދާއިރާގެ ހަރަކާތްތެރިވާ ފަރާތްތައް ވެސް އެއްބަސް ވާނެ ކަމަށާއި އެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އިދާރާއެއްގެ ވިސްނުން އެއް ނާރެހަކަށް އަމާޒުކުރެވެން ޖެހޭނެ ކަމަށެވެ.

"ތަންފީޒީ އިދާރާތަކާއި ހަވާލުވާ މަސްއޫލިއްޔަތު އެއްވެސް ޖެހިލުމެއް ނެތި ފަސް ޖެހުމެއް ނެތި އަދާކުރާތަން ރައްޔިތުންނަށް ފެންނަން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާރީހް ނުދެކޭ ވަރުގެ ތަރައްގީގެ ބިޔަ ބޮޑެތި މަސްރޫއުތަކެއް ހިންގަމުން ކަމަށާއި އެ ފަދަ އެއްވެސް މަސަތްކަތެއްގައި ވެސް ކޮރަޕްޝަންގެ އަމެލެއް ހިންގުމަކީ ސަރުކާރުން ތަރުހީބް ދޭ ކަމެއް ނޫން ކަމަށެވެ.

"މިއަދުގެ ދިވެހި ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިކަމާ އެކު ކުރިއަރާ ވިޔަފާރީގެ މުއާމަލާތްތައް ފުޅާވެގެންދާ އިރު ކޮރަޕްޝަންގެ ހިޔަނި އެއްވެސް ކަމަކަށް އެޅުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން،"

ރާއްޖެއަށް ތަރައްގީ އަންނަން ވާނީ ކޮރަޕްޝަނާ ނުލާކަން ފާހަގަކޮށް ޖިހާދު ވިދާޅުވީ މިއަދުގެ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ބެލުމުގައްޔާއި އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ހަމަހަމަކަމާ އިންސާފުވެރިކަމާ އެކު ފިޔަވަޅު އަޅާނެ ކަމަށެވެ.