ރައްޔިތުންގެ މަޖިލީހުގައި މާރަމާރީ ހިންގާ މެންބަރުންނާއި ނަން އިއްވާ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަން މަޖިލީހުގެ ރައީސް އެދިވަޑައިގެންފި ނަމަ ސިފައިންގެ ބާރާއެކު އެ މެންބަރަކު ނެރެވިދާނެ ކަމުގެ ގާނޫނީ ލަފާ ރާއްޖޭގެ ގައުމީ ދިފާއީ ބާރު )އެމްއެންޑީއެފް( އިން މަޖިލީހަށް ދީފި އެވެ.

އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓް އޮފް އެޑްމިން އެންޑް ޕާސަނަލް ސާވިސަސް އިން މަޖިލީހަށް ދީފައިވާ ލަފާގައި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހަވާލާދީ ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ މެންބަރަކު މަޖިލިސް މާލަމުން ނެރުމަށްޓަކައި އެމްއެންޑީއެފްއިން އެހިނދަކަށް އެކަށީގެންވާ ފޯސްއާއެކު ވަދެ އެ މެންބަރަކު މަޖިލީހުގެ މާލަމުން ނެރެންވިދާނެ ކަމަށެވެ. އަދި އެގޮތަށް ވަންނަ އިރު ވަންނަންޖެހޭނީ ކޮމާންޑަރާއެކު ދެ އޮފިސަރުންކަމާއި އަދި އިތުރު ފޯސް ބޭނުންވާނަމަ އެބަޔަކު ވެއްދޭނެ ކަމަށް އެމްއެންޑީއެފުންދީފައިވާ ގާނޫނީ ލަފާގައިވެ އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ އެ ލިޔުމުގައި ބުނަނީ އެފަދަ ގޮތަކަށް މެންބަރަކު ނެރުމަށްޓަކައި އެފަދަ ހާލަތްތަކުގައި އެ މެންބަރަކަށް އަނިޔާ ނުވާނޭގޮތުގެ މަތިން ބާރުގެ ބޭނުން ކުރެވޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަދި ހާއްސަގޮތެއްގައި ރައްޔިތުންގެ މަޖިލިހާއި ސިފައިންނާއި މި ދެ މުއައްސަސާއަށް ކަނޑައެޅިފައިވާ ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ރައީސްގެ އަމުރަށް ނުކިޔަމަންތެރިވެގެން އެ މެންބަރަކު ޖަލްސާ ދޫކޮށް ދިއުމަށް މަޖިލިސްގެ ރައީސް އަމުރު ކުރެއްވުމުން ވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ހާލަތެއްގައި އެ މެންބަރަކު މަޖިލީހުން ނެރުމަށާއި އަދި މަޖިލިސް ކުރާ ގޭގެ އެތެރެއާއި މަޖިލިސްކުރާ ގެއަށް ނިސްބަތްވާ ސަރަހައްދުގެ ތެރޭގައި މަޖިލިސްކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ސިފައިންނަށް އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން ފިޔަވަޅު އެޅުމާމެދު ގާނުނީ އެއްވެސް ހުރަހެއް ނެތެވެ،" މޭޖާ ޒުބައިރު އަހްމަދު މަނިކު ސޮއިކުރައްވާ މަޖިލީހަށް ފޮނުވާފައިވާ ގާނޫނީ ލަފާގައިވެ އެވެ.

މަޖިލީހުގެ ރައީސްގެ އެދުމުގެ މަތިން އެމްއެންޑީއެފަށް ބާރު ހިންގޭނެ ކަންތައްތަށް ބަޔާކޮށް ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތަކުން ދަލީލު ދައްކަވާފައިވާ އެ ލިޔުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ "މަސްއޫލިއްޔަތުތަކާއި ވާޖިބުތައް" ބަޔާންކޮށްފައިވާ ސުރުހީގެ ދަށުން ދިމުގްރާތީ މުއައްސަސާތައް ހިމާޔަތްކޮށް ގާނޫނު ދަމަހައްޓައި ގާނޫނު ތަންފީޒުކޮށް އަމަންއަމާންކަން ދެމެހެއްޓުމަށް އެހީތެރިވާން ޖެހޭނެ ކަމަށް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ތިން ވަނަ ބާބުގައި ބަޔާންކޮށްފައިވާ "ރައްޔިތުންގެ މަޖިލިސް" މި ސުރުހީގެ ދަށުން 105 ވަނަ މާއްދާގެ "ސަލާމަތީ ކަންކަން ބެލެހެއްޓުން" ބަޔާކޮށް އެ މާއްދާގެ )ހ( އާއި )ށ( ގައި ރައްޔިތުންގެ މަޖިލިސް ކުރާގެ އާއި އެގޭގެ ގޯތިތެރެ އާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތައްތަނުގެ ސަލާމަތީކަންކަން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ބަލަހައްޓަންވާނެ ކަމަށާއި މެންބަރުންނަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ދޭންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ހަތުރުވަނަ މާއްދާގެ )ހ( އަދި )ށ( ގައި މަޖިލީހުގެ އިމާރާތާއި މަޖިލިސްކުރާ މާލަމާއި މަޖިލީހުގެ އިމާރާތާއި އިންވެގެންވާ މަޖިލީހުގެ ގޯތިތެރޭގެ ސަރަހައްދަކީ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން މަޖިލިސްގެ ރައީސްގެ އަމުރަށް ހިނގާ ތަންތަން ކަމުގައި ބަޔާންވެފައި އޮތުމުން އެމްއެންޑީއެފުގައި އެދިއްޖެ ހާލަތެއްގައި އެ އަމުރަށް ކިޔަމަންވާނެ ކަމަށެވެ.