ސޯލް (މޭ 10) : ދެކުނު ކޮރެޔާގެ އައު ރައީސް މޫން ޖައިއިން މަގާމުގެ ހުވާކުރައްވައިފި އެވެ. ހުވާކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަގްރީރުގައި އޭނާ ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ އޭނާ ކުރިމަތިލައްވައިފި ކަމަށާއި ދެކޮރެޔާގެ ދެމެދުގައިވާ ހޫނުކަން ފިނި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.

މޫން ވިދާޅުވި ގޮތުގައި އޭނާގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތުތަކަކީ ކޮރެޔަން ޕެނިންސިއުލާގައިވާ ހަނގުރާމައިގެ ބިރުވެރިކަން ކުޑަކުރުމާއި އެމެރިކާގެ އެހީތެރިކަމާ އެކު ދެކުނު ކޮރެޔާގައި ގާއިމްކުރާ ތާޑް މިސައިލް އައްޑަނައިގެ ނިޒާމަށް ޗައިނާ ދެކޮޅު ހަދާމައްސަލަ ހައްލުކުރުން ކަމުގަ އެވެ.

މަގާމުގެ ހުވާކުރެއްވުމަށް ފަހު މޫން ގެންދަވަނީ އޭނާގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް ކެބިނެޓްގެ އެއްވެސް މަގާމެއް އަދި އިޢްލާންކޮށްފައެއް ނުވެ އެވެ. އުމުރުން 64 އަހަރުގެ މޫން ޖައިއިން ދެކުނު ކޮރެޔާގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރީ މިހަފްތާގެ ކުރީކޮޅުގަ އެވެ. އޭނާ މިމަގާމަށް އިންތިޚާބުވީ ދެކުނުކޮރެޔާގެ ކުރީގެ ރައީސާ ޕާކް ގެއުން ހައި ޚިޔާނާތުގެ މައްސަލައެއްގައި މަގާމުން އަޒުލުކުރުމާ ގުޅިގެން ބޭއްވި އަވަސް އިންތިޚާބެއްގަ އެވެ.

މޫން ޖައިއިން ދެކުނު ކޮރެޔާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އެމެރިކާ އާއި އުތުރުކޮރެޔާއާ ދެމެދުވަނީ ނިއުކްލިޔާ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފަ އެވެ. ދެކުނު ކޮރެޔާގައި އެމެރިކާ ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައިވާ އިރު އުތުރުކޮރެޔާ އިން ވެސް ފަންސާހަށް ވުރެ ގިނަ ނިއުކްލިޔާ ބޮން އުފައްދާފައިވެ އެވެ. އުތުރުކޮރެޔާ އިން ވަނީ އެމެރިކާ އިން އިސްވެ އެގައުމަށް ހަމަލާދީފިނަމަ ނިއުކްލިޔާ ހަތިޔާރުގެ ބޭނުންކުރަން ފަސްނުޖެހޭނެކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)