އެންޓި ކަރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަކި ބައެއްގެ މައްސަލަ ނުބަލާ ކަމަށް ބުނަމުން ދާތީ އެކަމަށް އެކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ރައްދު ދީފި އެވެ.

އޭސީސީގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ލުތުފީ މިއަދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކޮރަޕްޝަނުގެ މައްސަލަ ބަލާ އިދާރާ އަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ އިދާރާއެއް ކަމަށާއި އެއީ ހަމަ އެކަނި ރާއްޖޭގައި ކުރިމަތިވާ ކަމައް ނޫން ކަމަށެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން އޭސީސީ އިން ބަލަމުންދާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކޮށް ވާހަކަ ދައްކަމުން އަންނައިރު ލުތުފީ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

"ވަކި ފަރާތަކަށް ވީތީ މައްސަލަތައް ނުބަލާ ކަމާއި އަދި ބައެއް މައްސަލަތައް ދޫކޮށްލާކަމުގެ ވާހަކަތައް އަދި ފިޔަވަަޅު ނޭޅޭ ކަމުގެ ވާހަކަތައް އަބަދުވެސް ބައެއް ފަރާތްތަކުން ދައްކަމުން ދޭ. ނަމަވެސް އަޅުގަނޑު ސާބިތުކަމާ އެކު ދަންނަވަން ބޭނުންވަނީ މިއަހަރުގެ މިހާތަނަށް ވެސް އޭސީސީއަށް ހުށަހެޅި އަދަދަށް ވުރެން ގިނަ މައްސަލަތައް ބަލައި ނިންމާފައިވާކަން. އޭސީސީގެ މަސަތްކަތުގައި ވަކި ފަރާތަކަށް ޖެހިފައި އެއް ނޯންނާނެ. އަދި މޮޅު މީހަކަށް ވަކި ދެރަމީހަކަށް ވަކިގޮތެއް ހަދާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމީހުންގެ މައްސަލަތައް ބަލަމުން ދާ ކަމަށް ތުހުމަތުކުރާ އިރު ސަރުކާރުގެ އިދާރާތަކުގެ މައްސަލަ ބަލަން ފެށުމުން ވެސް ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ.

އޭސީސީގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ބައެއް ފަހަރު ދައުލަތުގެ އިދާރާތަކާ ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމަށް އެތަން ތަނަށް އޭސީސީގެ މުއައްޒަފުންނާއި އޭސީސީގެ ޓީމްތައް ދިއުމުން ނުވަތަ ބައެއް ފަހަރަށް އޭސީސީއަށް ދައުލަތުގެ ބައެއް އިދާރާތަކުގެ މުއައްޒަފުން ހާޒިރު ކުރުމުން ތަަފާތު ފާޑިކިޔުންތައް ކުރިމަތިކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އެ ފަދަ ފާޑުކިޔުންތައް އަޑުއެހުމުގެ ގާބިލުކަން އޭސީސީގައި ހުންނާނެ ކަމަށާއި އެއްވެސް ފަރާތެއްގެ މައްސަލައެއް ބެލުމުގައި އެ ކޮމިޝަނުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ގާނޫނީ އިމުގެ ތެރެއިން ބަލާއި އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ލުތުފީ ދެއްވި އެވެ.

އޭސީސީއަކީ ތަންފީޒީ އިދާރާއެއް ނޫން ކަން ހާމަކޮށް ލުތުފީ ވިދާޅުވީ އެކޮމިޝަނުގެ ޒިންމާއަކީ ކޮރަޕްޝަނުގެ މައްސަލަތައް ތަހްގީގްކުރުން ކަމަށާއި ދައުވާއުފުލުމުގެ ބާރު އޮންނާނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އަތް މަތީގައި ކަމަށެވެ.

"ދައުވަކުރަން ނިންމަވައިފި ނަމަ ޕީޖީން އެ މައްސަލަ ފޮނުވާނީ ކޯޓަށް. ކޯޓުތަކުގައި ދައުވާ އުފުލޭ ކޮރަޕްޝަނުގެ މައްސަލަތައް ކޯޓުތަކުން ބައްލަވައި ނިންމުމަށް ފަހު އެމީހުން ކުށްވެރިވާ ކަމަށް ނުވަތަ ނުވާކަމަށް ނިންމާނީ ކޯޓުން،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އެސީސީން މައްސަލައެއް ތަހްގީގްކޮށް ނިންމުމަށް ފަހު ހުކުމަކާ ހަމައަށް އައުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށާއި އެ ހުރިހާ މައްސަލަތަކަކީ ޝަރީއަތުގައި ކުށް ސާބިތުވާ މައްސަލަތަކެއް ވެސް ނޫން ކަމަށެވެ. އަދި ހުކުމް ކުރެވޭ މައްސަލަތަކުގައި ސަރުކާރަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސަތްކަތް އޭޓާނީ ޖެނަރަލް އޮފީހާ ގުޅިގެން ކުރަމުން ދާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.