އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ދުނިޔޭގެ ރެކޯޑު އަގަކަށް ބަދަލުވި، ޔުވެންޓަސްގެ ކުރީގެ ފޯވާޑް ޕައުލް ޕޮގްބާގެ ޓްރާންސްފަރ ހިނގައިދިޔަގޮތް ބެލުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، "ފީފާ"އިން ތަހުގީގެއް ފަށައިފިއެވެ.

ފްރާންސްގެ މީޑިއާތަކުގައި ޕޮގްބާގެ ޓްރާންފަރ މުއާމަލާތް ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ފެތުރިފައިވާ ތަފާތު ރިޕޯޓުތަކާ ގުޅިގެން، ފީފާގެ ތަރުޖަމާނަކު ވަނީ، އެއިދާރާގެ "ޓްރާންސްފަރ މެޗިން ސިސްޓަމް" އިން އެ މުއާމަލާތާގުޅޭ މައުލޫމާތު ހޯދަން އެދިފައިވާކަން އީއެސްޕީއެންއަށް ކަށަވަރުކޮށްދީފައެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ފްރާންސްގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވުމަށް 89 މިލިއަން ޕައުންޑުގެ ފީއެއް ދީފައިވާއިރު، އޭގެ ތެރޭން ފީފާއިން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާގޮތުން، މި ޓްރާންފަރ މުއާމަލާތުން ޕޮގްބާގެ އޭޖެންޓް މިނޯ ރަޔޯލާއަށް 41 މިލިއަން ޕައުންޑް ލިބިފައިވެއެވެ.

ޕައުލް ޕޮގްބާ ޔުވެންޓަސްއަށް ކުޅުނު އިރު އޭނާގެ ބޭބެ ފްލޮރެންޓިން(ކ) ޕޮގްބާއާ އެކު --

ފީފާއިން ޕޮގްބާގެ ޓްރާންސްފަރ މައްސަލަ ތަހުގީގުކުރާން ފަށާފައި ވަނީ، "ފުޓްބޯލް ލީކްސް: ދަ ޑާރޓީ ބިޒްނަސް އޮފް ފުޓްބޯލް" ކިޔާފޮތެއް ޖަރުމަނުގައި ޝާއިއުކުރާނޭކަން މިހަފްތާގެ ކުރީކޮޅުގައި އިއުލާނުކުރި ފަހުންނެވެ. އޭގައި ބުނެފައިވާ ގޮތުން، ޕޮގްބާގެ ޓްރާންސްފާގައި ހިންގާފައި ހުރި ޖަރީމާތަކުގެ ތަފްސީލް އެ ފޮތުގައި ހިމެނޭނެއެވެ.

މެންޔޫގެ ތަރުޖަމާނަކު ބުނެފައިވަނީ، ވަކިވަކި ކުޅުންތެރީންގެ ކޮންޓްރެކްޓްތަކާ ގުޅޭ މައުލޫމާތު ދޭން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް، ޕޮގްބާ ޔުނައިޓެޑާ ގުޅުމާއެކު، އޭނާގެ ޓްރާންސްފަރއާ ގުޅޭގޮތުން ކުރެވިފައިވާ ހުރިހާ މުއާމަލާތެއް ފީފާއަށް ހުށަހަޅާފައިވާކަމަށް އޭނާ ބުންޏެވެ.

މިހާރު އުމުރުން 24 އަހަރުގެ ޕޮގްބާ އަކީ، 2009 ވަނަ އަހަރު ފްރާންސްގެ ލެ ހާވްއިން ޔުނައިޓެޑާ ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ 1.5 މިލިއަން ޕައުންޑްގެ އަގަކަށް ޔުވެންޓަސްއާ ގުޅިފައެވެ. އަލުން ޔުނައިޓެޑަށް ޕޮގްބާ ގެނައުމަށްޓަކައި އެ ކްލަބުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޔުނައިޓެޑަށް ބަދަލުވުމަށްފަހު، ޕޮގްބާ ވަނީ، މި ސީޒަންގައި އެ ކްލަބަށް މިހާތަނަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.