ހައިރައިޒުން އިންތިޒާމުކޮށްގެން ސަރަހައްދީ ފެންވަރުގައި ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ މާ ގިނަ ދުވަހެއް ނުވެ، އެ އެވޯޑަށް ސަރަހައްދީ ފެންވަރުގެ ބޮޑެތި ބްރޭންޑުތައް ނޮމިނޭޓްވާން ފަށައިފިއެވެ.

ސަޓާ އަކީ ހައިރައިޒުން ކުރި ފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައިވަނީ 270 ނޮމިނޭޝަންސްއާ އެކު ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި 18 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ. ހައިރައިޒުން މައުލޫމާތުދޭ ގޮތުގައި، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާއާއި އިންޑިއާގެ ފަރާތްތަކުންނެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެއާއި އިންޑިއާ އަދި ލަންކާގެ އިތުރުން، ބޫޓާން އަދި ނޭޕާލްގެ ފަރާތްތަކުންވެސް ބައިވެރިވާނެއެވެ.

ނޮމިނޭޝަންސް ހުޅުވާލާފައިވާއިރު އެވޯޑުގައި މިއަހަރު ބައިވެރިވާ ގައުމުތަކުގެ ބޮޑެތި ބްރޭންޑުތައް މިހާރު މިވަނީ ނޮމިނޭޓުކޮށްފައެވެ.

މިދިޔަ އަހަރުގެ އެވޯޑު ހަފްލާގައި އިންޑިއާގެ ކޮންފެޑެރޭޝަން އޮފް އެކްރިޑެޓް ޓުއާ އޮޕަރޭޓާސް (ކަޓޯ)ގެ ރައީސް، ސްރީ ކުމާރު ސަން އިރުފުއްޓަށް ލިބުނު އެވޯޑާ ހަވާލު ވަނީ -- ފޮޓޯ: ސަޓާ

އިންޑިއާ އިން ނޮމިނޭޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނިވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފައެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެއެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެއެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފައެވެ.

ސަޓާގެ ވިޒިޓާސް އެވޯޑްގެ ތެރެއިން ރާއްޖެއަށް ލިބުނު އެވޯޑަކާ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތިންވަނަ ސެކްރެޓަރީ އަލީ ޚައްތާބު ހަވާލުވެލައްވަނީ --- ފޮޓޯ/ ސަޓާ

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

ސަޓާ އޮންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. މިދިޔަ އަހަރު ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.