10 May 2017, 11:21
ވޮލީގެ ތާރީޚުގައިވެސް އަމިއްލަ ފަސްގަނޑުގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުން ރާއްޖޭގެ ގައުމީ ވޮލީބޯލް ޓީމު ބަލިވުމުން، ގައުމީ އަންހެން ވޮލީ ޓީމާއި އަދި ގައުމީ ފިރިހެން ވޮލީޓީމުގެ ކުޅުންތެރީންނަށްވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރަތުގެ އަންހެނުންގެ މުބާރާތް ޖަނަވަރީ މަހު ބޭއްވިއިރު އެ މުބާރާތުގައި ވާދަކުރީ އެންމެ ތިން ޓީމެވެ. ތިންޓީމު ވާދަކުރި މުބާރާތުން ރާއްޖެއަށް ލިބުނީ 3 ވަނައެވެ. އަދި ފިރިހެނުންގެ މުބާތުގައި ޖުމުލަ ހަތަރު ޓީމް ބައިވެރިވި އިރު އެ މުބާރާތުން ރާއްޖޭގެ ވޮލީ ޓީމަށް ލިބުނީ ހަތަރުވަނައެވެ.
ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގިނަ ބަޔަކު އުންމީދުކުރި ގޮތާ ޚިލާފަށް ކަންކަން ދިޔުމުން ވޮލީއަށް ލޯބިކުރާ މީހުންގެ ފާޑުކިޔުންތައް އެސޯސިއޭޝަނަށާއި ކުޅުންތެރިންނަށްވެސް އަމާޒުވިއެވެ. އެސޯސިއޭޝަނުން އޭރު ބުނީ ޓީމުގައި ތިބި ކުޅުންތެރީންނަށް، ބޭނުންވާ ވަރަށް ގައުމީ ޖޯޝުގައި ޕަފޯމް ނުކުރެވުނީ ކަމަށެވެ. އަދި ކުޅުންތެރިން ބަލިވުމުގެ ޒިންމާ އެޅުވީ އެސޯސިއޭޝަނުގެ ބޮލުގައެވެ. ކުޅިވަރުގެ ގިނަ ބަޔަކު އެ ޒިންމާ އެޅުވީ ގައުމީ ޓީމުގެ ކޯޗުގެ ބޮލުގައެވެ.
ސީނިއާ ގައުމީ ޓީމްތައް ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށަށް
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ ދެވަނައަށް އެންމެ މަޝްހޫރު ކުޅިވަރުގެ ގައުމީ އަންހެން އަދި ފިރިހެންޓީމު، ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ވޮލީބޯލް އެސޯސިއޭޝަނުން ނިންމިކަން އިއުލާން ކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ދެން ގައުމީ ސީނިއާ ވޮލީ ޓީމުގެ ކަންކަން ބަލަހައްޓާނީ ހާއްސަ ކޮމިޓީއަކުންކަމަށާއި އެގޮތަށް ނިންމީ ވޮލީ އެސޯސިއޭޝަނުން ކުރިއަށް ގެންދާ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ. އަދި އޭގެ ސަބަބުން ސީނިއާ ޓީމު ތަކުގެ ހުރިހާ ކަމެއް ރަނގަޅު ވެގެންދާނެ ކަަމަށެވެ.
ކޮމިޓީގަ ތިބީ ކޮންބައެއް

ގައުމީ ސިނިއާ ވޮލީ ޓީމްތައް ބަލަހައްޓާނެ ކޮމިޓީ އިއުލާން ކުރުަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ ވީއޭއެމް
އަލަށް އެކުލަވާލެވުނު ކޮމިޓީގައި ތިބީ މިކަން ކުރެވޭ ވަރުގެ ގާބިލް ބޭފުޅުންކަމާ މެދު ޝައްކެއް ނުކުރަމެވެ. ކޮމިޓީގައި ތިބި މެންބަރުންނަކީ ކުރީގެ ތަރިއެއް ކަމަށްވާ، މުހައްމަދު އަނީސްއާއި، ފާތުމަތު ލިއުޝާއާއި، ވޮލީ ކޯޗު އަހުމަދު ސަލީމް (މާޒް ސަލީމް)، ކޯޗު ސައްޔިދު އަލީއާއި، ލޯޔަރު އައްބާސް ޝަރީފް، ރެފްރީ އަހުމަދު ސައިފް އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރު އަލީ ލަތީފްއެވެ.
ނަތީޖާ ނެރުމަށް ބޭނުންވަނީ ކޮމިޓީއެއްތަ
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަަޔާޒް މޫސާ
ވޮލީ އެސޯސިއޭޝަންގެ މި ނިންމުމާ ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ބައެއް ކޯޗުން ވަނީ އެކަމަށް ފާޑުކިޔައިފައެވެ. ސަން ސްޕޯޓްސްއާ ވާހަަކަދައްކަމުން ބައެއް ކޯޗުން ބުނެފައިވަނީ ކޮމިޓީއެއްގެ ދަށުން ގައުމީ ޓީމުތައް ހިންގުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ސުވާލަކީ އެކޮމިޓީއަށް ގައުމީ ވޮލީ ޓީމުގެ ކަންކަން މިނިވަންކަމާއެކު ބެލެހެއްޓިދާނެ ކަންކަމަށެވެ. އަދި އެންމެ ފަހުން ރާއްޖޭގައި ބޭއްވި މުބާރާތުގައި ހާއްސަކޮށް ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަ އަހްލާގީ ފެންވަރުދަށް ކަންތައްތަކާ މެދު ފިޔަވަޅު ނާޅައި ހަމަ އެ ކުޅުންތެރިން ގައުމީ ޓީމަށް ލައިގެން ކާމިޔަބު ހޯދޭނެތޯ ސުވާލްކޮށްފައެވެ.
" ކިހިނެއްތޯ ހަނދާން ނެތޭނީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން އެންމެ ފަހުން ބޭއްވި މުބާރާތުގައި ކަން ކުރި ގޮތް. ކިތަށް ޕްރެކްޓިސްތޯ ކަޓުވާލީ. އެހެންވީމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކޮމިޓީ ހެދުމެއް ނޫން. ފުރަތަމަ ކުރަންވީ ކަމަކީ އެކުޅުންތެރިންގެ މައްސަލަ ބަލައި ގައުމީ ޓީމު ކުޅުންތެރިންގެ އަހްލާގް ރަނގަޅު ކުރަންވީ،" ގިނަ ދުވަސްތަކެއް ވަންދެން އެކިއެކި ކުލަބްތަކުގައި މަސައްކަތް ކޮށްފައިވާ ކޯޗަކު ބުންޏެވެ.
އެސޯސިއޭޝަންގެ އެތެރޭގެ މައްސަަލަތައް ހައްލު ނުކޮށް ކާމިޔާބީ ހޯދިދާނެބާ
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަަޔާޒް މޫސާ
އިއްޔެ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ގައުމީ ސިނިއާޓީމް، ކޮމިޓީއަކާ ހަވާލުކުރުމުން ނެޝަނަލް ޓީމު ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި އަމާޒަކީ ޓީމު ހަރުދަނާކޮށް ރަނގަޅު ކާމިޔާބީ ތަކެއް ހޯދުން ކަމަށެވެ. ނަމަވެސް ވޮލީ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކާއި އަދި މިވަގުތު ގައުމީ ވޮލީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ބުނީ އެ ކޮމިޓީގެ މަސައްކަތް އެންމެ ރަނގަޅު ގޮތެއްގައި ހިނގައިގަންނަން ފަށާނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މިހާރު އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާ ނިމި ރަނގަޅު ކުރަންޖެހޭނީ ކޮން ކަންތައްތަކެއްކަން އެނގި އެއަށް ފަހު ފިޔަވަޅުތައް އަޅަން ފެށުމުން ކަމަށެވެ.
އަވަސް އަރުވާލައިގެން ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެއް ގޮތަށް އެކަން ކުރަން އުޅެގެން ހަގީގީ ކާމިޔާބީ ނުހޯދޭނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
"މިހާރު މިތިބަ އެކްސްކޯއިން ކަން މި ކުރަނީ އެފްއޭއެމް ނަމޫނާއަކަށް ބަލައިގެން. އެފްއޭއެމް އިން ސީނިއާ ގައުމީ ޓީމް ހިންގަން ކޮމިޓީއެއް އޮންނާތީ ނަމަކަށް ކޮމިޓީއެއްވެސް މި ހެދީ. ނަމަވެސް ގަބޫލުރަން ޖެހޭނެ ފުޓްބޯޅަ ކުޅެނީ ފައިންކަން އަދި ވޮލީ ކުޅެނީ އަތުންކަން. ވަރަށް ބޮޑު ތަފާތު ތަކެއް ހުންނާނެ،" ގައުމީ ޓީމަށް ގިނަ ދުވަހު ކުޅުމަށްފަހު މި ވަގުތު ކޯޗިން ދާއިރާގައި ހަރަކާތްތެރިވާ ކޯޗަކު ބުންޏެވެ.