މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ، ދިވެހި ފައިސާގެ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ތައާރަފްކޮށްފިއެވެ.

ރަން ދިހަފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ، ފަސް ރުފިޔާގެ އާ ނޫޓް ތައާރަފްކުރީ، ބައިނަލްއަގްވާމީ ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް މިއަދު އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް އެވެ.

ރަން ދިހަފަހެއްގެ 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިނެމޭގޮތަށް ޕޮލިމާ ކަރުދާހުގައި ތައްޔާރުކޮށްފައިވާ، 5 ރުފިޔާގެ ނޫޓުވެސް ފަރުމާކޮށްފައި ވަނީ، މި ސީރީޒްގެ ކުރީގެ ނޫޓުތައްވެސް ފަރުމާކޮށްފައިވާ އަބްދުﷲ ނަޝާތެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ ފަހަތް--

މި ނޫޓުގައި، އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެތެރެއިން އަނެއް ފަރާތް ފެންނަގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުންނާނެއެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ.

ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ.

ނޫޓުގެ ޕެޓާން ދައްކައިދެނީ، އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ މޫނުމަތި --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2016 ވަނަ އަހަރު ދައުރުކުރުމަށް ނެރުނު ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ޑިނޯމިނޭޝަންތައް ކަމުގައިވާ 10، 20، 50، 100، 500 އަދި 1000 ރުފިޔާއަށް 5 ރުފިޔާ އިތުރުކުރުމުން މި ނޫޓު ވެގެންދާނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ އެންމެ ދަށް ޑިނޯމިނޭޝަންގެ ނޫޓަށެވެ.

އެމްއެމްއޭއިން ބުނީ، 5 ރުފިޔާގެ ނޫޓު ބޭނުންކުރުމަށް ނެރުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.