ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ހުއްޓުވާނެ ކަމަށް ޒެޑް-ޑީއާރްޕީން ބުނަމުންދާތީ މަޖިލީހުގެ ސެކިއުރިޓީއާބެހޭ ގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޒެޑް- ފެކްޝަނުގެ ބައެއް މެންބަރުންނާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް މޫސާ އަލީ ޖަލީލު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރައީސް ނަޝީދު ދެއްވި ރޭޑިއޯ ހިތާބުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ "މަޖިލީހުގެ ރައީސް ވަކި ހާއްސަ ކަމެއް ވަކި ގޮތަކަށް ކުރައްވަން ބޭނުންވެ ވަޑައިގަންނަވަނީ ނަމަ, އެބޭފުޅާއަށް އެކަން ކުރެއްވޭނެ ވަސީލަތްތައް ހުންނާނެކަމީ އަޅުގަނޑަށް ޝައްކު ހިނގާ ކަމެއް ނޫން" ކަމަށެވެ. ރައީސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، ރައީސް އޮފީހުގެ ޕްރެސް ސެކަޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެފައި ވަނީ މެންބަރެއްގެ ނަން މަޖިލީހުގައި އިއްވި ކަމުގައިވިޔަސް އަބްދުﷲ ޝާހިދަށް "އެއަށްވުރެ މަތީ ފިޔަވަޅުތައް އެޅުއްވެން" އެބަހުރި ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ތަފްސީލުތަކެއް އޭނާ ނުދެއްވަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު މިއަދު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީއާ ބެހޭ ގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މޫސާ އަލީ ޖަލީލު މިއަދު މެންދުރު ފަހު ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވެވި ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި މައިނޯރިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ނަމަވެސް ޒެޑް- ފެކްޝަނަކަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާ، މޫސާ އަލީ ޖަލީލު ވަނީ ބައްދަލު ކުރެއްވެވި އެވެ.

މޫސާ އަލީ ޖަލީލާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކާ ބެހޭ ގޮތުން މަހުލޫފު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް މޫސާ އަލީ ޖަލީލު އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާއި ތަސްމީނާއި ޝާހިދުގެ ރޭވުމުގެ ދަށުން މަޖިލީހުގެ ކޮމެޓީތަކުގެ މައްސަލަ ވަކި ގޮތަކަށް ގަވާއިދާ ހިލާފަށް ނިންމުމުން އެކަން އިސްލާހު ކުރުމަށް ޒެޑް- ފެކްޝަނުން މަޖިލީހުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ޒެޑް- ފެކްޝަނުގެ އެއްވެސް މެންބަރަކު ޖިނާއީ ކުށެއް ނުކުރާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފަށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ކަމަކީ ކަނޑައެޅިގެން ގަވާއިދާ ހިލާފަށް މަޖިލިސް ތެރޭގައި ކަންތައްތަކެއް ރައީސް ނަޝީދާއި އަބްދުﷲ ޝާހިދާއި ތަސްމީން ގުޅިގެން ހިންގާތީ އެކަން ހުއްޓުވުމަށް ކުރާ ކަމެއް" މައުހޫލޫފު ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލު ޒެޑް ފެކްޝަންގެ ބޭފުޅުންނާ ބައްދަލު ކުރައްވާ ވިދާޅުވި ކަމަށް މައުލޫފު ވިދާޅުވީ އެމްއެންޑީއެފުން އެ ބޭފުޅުންނާ ބައްދަލު ކުރީ ސިފައިންގެ ގާނޫނު ހަތް ވަނަ މާއްދާގެ ދަށުން ކަމަށް ވިދާޅުވި ކަމަށެވެ.

ސިފައިގެން ގާނޫނުގެ ހަތް ވަނަ މާއްދާގެ )ހ( އިން ފެށިގެން )ލ( ގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ މައްސޫލިއްޔަތުތަކެވެ. ސިފައިގެން މައްސޫލިއްޔަތުގެ ތެރޭގައި ގާނޫނު އަސާސީއާއި ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތް ކުރުން ހިމެނެ އެވެ. އަދި ގައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި މިނިވަންކަމާއި ސިޔާސަތު ދިފާއުކޮށް ހިމާޔަތް ކުރުމާބެހޭ ސިޔާސަތު އެކަށައެޅުމުގައި ސަރުކާރަށް ލަފާދީ އެހީތެރިވެ ދިނުމާއި ރާއްޖޭގެ ދިފާ އާއި ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާއިން ހިންގާ ބެލެހެއްޓުމަށް އެ ގާނޫނުގަގައި ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން ސިފައިންނާ ހަވާލުކުރާ އެންމެހާ ކަންތައްތައް ހިމެނެ އެވެ.