10 May 2017, 09:57
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު، މޮނާކޯގެ ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ މުގުރާލައިފިއެވެ.
ފްރާންސް ފޯވަޑް އެމްބާޕޭ އެ ރެކޯޑު މުގުރާލާފައިވަނީ ޔުވެންޓަސްއާ ދެކޮޅަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގު ސެމީގެ ދެވަނަ ލެގު މެޗުގެ 69 ވަނަ މިނެޓުގައި ޖޮއާއޯ މުޓީނިއޯގެ ބޯޅައަކުން ޖެހި ލަނޑުންނެވެ.
ޔުވެންޓަސް އަތުން 2-1 ލަނޑުގެ ނަތީޖާއަކުން މޮނާކޯ ބަލިވި މެޗުގައި އެމްބާޕޭ ލަނޑުޖެހި އިރު އޭނާގެ އުމުރަކީ 18 އަހަރާއި 140 ދުވަހެވެ. ކުރިން އެ ރެކޯޑު އޮތީ އޮބަފެމީ މާޓިންސް އަތުގައެވެ. އޭނާ އެ ރެކޯޑު ހެދީ 2003 ވަނަ އަހަރު އިންޓަ މިލާންގެ ޖާޒީގައި އޭސީ މިލާން ކޮޅަށް ކާމިޔާބުކުރި ލަނޑުންނެވެ. އޭރު މާޓިންސްގެ އުމުރަކީ 18 އަހަރާއި 197 ދުވަހެވެ.
ރޭގެ މެޗުގައި އެމްބާޕޭ ކާމިޔާބުކޮށްދިން އެ ލަނޑާއެކު ވެސް މޮނާކޯއަށް ފައިނަލަށް ދެވޭގޮތް ވެފައެއް ނުވެއެވެ. އެ މެޗުގައި މޮނާކޯ އަތުން 2-1 ލަނޑުން މޮޅުވެ، 4-1 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެން ފައިނަލުގެ ޖާގައެއް ހޯދީ ޔުވެންޓަސްއެވެ.
އެމްބާޕޭ ވަނީ އޭނާގެ ކެރިޔަރުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ނޮކްއައުޓް ބުރުގެ ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ލަނޑު ޖަހައިފައެވެ. އޭނާއަށް ލަނޑެއް ނުޖެހުނީ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ބަލިވި ސެމީގެ ފުރަތަމަ ލެގު މެޗުގައެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ވަނީ ޖުމްލަ ހަ ލަނޑު ކާމިޔާބުކޮށްފައެވެ.